މޭ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ކުރިޔަށްގެންދާއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް ސައްތާރު ހަމަޖައްސަވައިފިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލަކަށް ނާޒިމް ހަމަޖައްސާފައިވާކަން ހާމަކޮށްފައިވަނީ ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައި ހުންނަވާ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމަށް އިއްޔެ ފޮނުވި ސިޓީފުޅެއްގައެވެ.

އެ ސިޓީފުޅުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މޭ 06، 2021 ގައި އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ލިބިވަޑައިނުގަންނަވާކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެފަދަ ބަޔާނެއް މުހިންމު ކަމަށް ޕީޖީ ޝަމީމް ވިދާލުވެފައިވާކަމަށް ވެސް ނަޝީދުގެ ސިޓީފުޅުގައި ވެއެވެ.

ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ބަޔާނެއް އަދިވެސް ލިބިފައިނުވާ ކަމަށެވެ. އަދި ޝަރީއަތް ފެށުމުގެ ކުރިން ރައީސް ނަޝީދުގެ ބަޔާނެއް މުހިންމުކަމުގައި ވިޔަސް އެމަނިކުފާނަކީ ހަމަލާގެ ވިކްޓިމް ކަމަށް ވާތީ އެމަނިކުފާނުގެ ޝުއޫރުތަކަށް ވެސް އިހުތިރާމް ކުރަންޖެހޭ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައެވެ. އެމަނިކުފާނު އަނބުރާ ރާއްޖެ އަންނަ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.