ވ. އަންބަރާގައި ރިސޯޓް ތަރައްގީ ކުރުމަށް ވ. އަތޮޅުގެ ރައްޔިތުން ނުރުހޭކަމަށް ބުނެ ޓޫރިޒަމް މިނިސްޓަރަށް ދަންނަވައިފިއެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސޮއިކުރައްވައި އަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަންބަރާއަކީ ރިސޯޓެއް ނުވަތަ ސިނާއީ އެފަދަ އެހެން މަސައްކަތެއް ކުރުމަށް ތަރައްގީ ކުރުމަށް ވުރެ ތިމާވެށީގެ ގޮތުން ނާޒުކު ރަށެއް ކަމަށެވެ.

އަދި އެ ރަށުގެ ވަށައިގެންވާ ފަރަކީ ތަފާތު ގިނަ ދިރުންތަކެއްގެ މައްޗަށް އުފެދިފައިވާ ރީތި ފަރެއް ކަމަށާ އެ އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރާ ފަރާތްތަކާއި އަތޮޅުގެ ރައްޔިތުންގެ ބޭނުންތަކަށް ނުހަނު މުހިންމު ރަށެއްގެ ގޮތުގައި އަބަދު ވެސް މަޝްހޫރު ވެފައިވާ ރަށެއް ކަމަށެވެ.

އެހެންކަމުން އަންބަރާގެ ގުދުރަތީ ރީތިކަން ގެއްލޭ ގޮތައް އަދި ތިމާވެށީގެ ގޮތުން ހުރި ހާއްސަ ސިފަތައް ގެއްލޭފަދަ ގޮތަކަށް އެ ރަށް ތަރައްގީ ކުރުމަށް ހުށަހަޅާ އެއްވެސް ހުށަހެޅުމަކަށް ވ. އަތޮޅުގެ ރައްޔިތުން ތާއީދު ނުކުރާނެ ކަމަށް އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.

ވ. އަންބަރާ

އަންބަރާ ތަރައްގީ ކުރަން އުޅޭ ފަރާތުން އެރަށަށް ގެއްލުން ދީފައިވާކަމުގެ ތުހުމަތުވެސް އަތޮޅު ކައުންސިލުން ވަނީ ކޮށްފައެވެ. އެގޮތުން އީއައިއޭ ތައްޔާރު ކުރުމުގެ ކުރިން އެރަށުގެ ކަނޑޫފަލަށް ވެލި އަޅައި އެތަން ނައްތާލަން، އެތަން ތަރައްގީކުރާ ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް އަތޮޅު ކައުންސިލުން ފޮނުވި ސިޓީގައި ވެއެވެ.

"ވ. އަތޮޅުގައި އިތުރު ރިސޯޓެއް ހަދައިގެން އަތޮޅުގެ ރައްޔިތަކަށް ކުރާނެ ފައިދާއެއް ނެތް، މިހާރުވެސް ހިންގަމުންދާ ރިސޯޓުތަކުގައި ވަޒީފާ އަދާކުރަންވެސް އެ ދަނީ 11-12 ކުދިން. ދެން މުޅިންވެސް ދުރު އެކި ރަށަރަށުން މީހުން އަންނަނީ، އެމީސް މީހުންގެ އާއިލާތަކާ އެކު އައިސް އެ އުޅެނީ، އެހެންވީމައި ވ. އަތޮލުގެ ރައްޔިތުންގެ ފައިދާ އަށޭ ކިޔާފައި މި އަތޮޅުގައި އިތުރު ރިސޯޓެއް ހަދާކަށް އަތޮޅުގެ ރައްޔިތުންނެއް ނުރުހޭ"
އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ

ޝުޖާ ވިދާޅުވީ، އަންބަރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމަވާފައިވާ ނިންމުމާމެދު އަލުން ވިސްނެވުމަށް ކައުންސިލްގެ ފަރާތުން މިނިސްޓަރާ ބައްދަލު ކޮށްވެސް ދަންނަވާފައި ވާނެ ކަމަށެވެ. އަދި އެންވައިރުމަންޓާއި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އަށްވެސް ދަންނަވާފައި ވާ ކަމަށް ކައުންސިލުން ބުނެއެވެ.

މި ކަމާ ގުޅޭ ގޮތުން، ޓޫރިޒަމްގެ ބަހެއް އަދި ލިބިފައި ނުވާ އިރު، ޝުޖާ ވިދާޅުވީ، އަންބަރާ އަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެންމެ އެކަށީގެންވާ ރަށެއް ނޫން ކަމަށް ނިންމައި ދިނުމަށް ސަރުކާރުގެ ޕޮލިސީ ލެވެލްގައި މަޝްވަރާ ކޮށްދިނުމަށް ވެސް އަތޮޅު ކައުންސިލުން ޓޫރިޒަމް މިނިސްޓަރުގެ ކިބައިން އެދިފައި ވާ ކަމަށެވެ.

އަންބަރާއަކީ ހަނދުވަރު އޯޝަން ޕްރައިވެޓް ލިމިޓެޑަށް 50 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ރަށެކެވެ. އެ ކުންފުނިން ރިސޯޓް ތަރައްގީ ކުރުމަށް ހުށަހެޅި ކޮންސެޕްޓަށް ޖޫން 7، 2021 ގައި ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދިނުމާއެކު އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ތައްޔާރުކުރަން ވަނީ ހަވާލުކޮށްފައެވެ.

ފޮޓޯތަކުން ފެންނަގޮތުގައި އަންބަރާގައި މިހާރުވެސް ކޮންމެވެސް ވަރަކަށް އިމާރާތްތައް އެބަހުއްޓެވެ.

ވ. އަންބަރާ

މީގެ ކުރިން ކާށިދޫ މެންބަރު އަބްދުﷲ ޖާބިރަށް ވ. ބޮޑުމޮހޮރާ ދިނުމުން ވެސް އެ އަތޮޅު ރައްޔިތުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ޕިކްނިކް ދިއުމަށް ވ. އަތޮޅުން ރަށެއް ކަނޑައެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅަކަށް ވާއިރު ވ. ބޮޑުމޮހޮ ރާއަކީ ވެސް ޕިކްނިކްތަކާއި އެކްސްކާޝަންތަކަށް ބޭނުން ކުރި ރަށެކެވެ.

ވ. އަތޮޅުގައި ޖުމުލަ 21 ރަށެއް އޮންނައިރު މީހުން ދިރިއުޅެނީ 5 ރަށެއްގައެވެ. އަދި ރިސޯޓް މިހާރު ތަރައްގީ ކޮށް ނިމިފައިވާ 3 ރަށެއް ވާއިރު ރިސޯޓް ތަރައްގީ ކުރަމުންދާ 4 ރަށެއް އެބައޮތެވެ. އެ 4 ރަށުގެ ތެރޭގައި އަންބަރާ ވެސް ހިމެނެއެވެ. މިހާރު އެއްވެސް ސިނާއަތެއް ނުހިނގާ ފަޅުރަށުގެ ގޮތުގައި 9 ރަށެއް ވ. އަތޮޅުގައި ވާއިރު ދަނޑުވެރިކަން ކުރުމަށް ވެސް އެ އަތޮޅުގައި 1 ރަށް ކަނޑައަޅާފައި ވެއެވެ.