ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލައާ ގުޅިގެން ސުވާލު ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރެއްވުމުން ކަންތައް ވެގެންދިޔަ ގޮތާމެދު ކޮމިޝަނުން ދެއްކި ވާހަކަތައް ރައީސް ޔާމީންގެ ވަކީލުން ދޮގުކުރައްވައިފިއެވެ.

ރިޟްވާންގެ މައްސަލާގައި ރައީސް ޔާމީން އެކޮމިޝަނަށް އިއްޔެ ހާޒިރުކޮށްފައިވާއިރު "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަރު ކޮމިޝަނުގެ މެންބަރު މިސްބާހު އަބްދުﷲ ވިދާޅުވީ، ރައީސް ޔާމީން ކޮމިޝަށް ހާޒިރުކޮށް ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ހަނު ހުންނެވީ ކަމަށެވެ. މިސްބާހް ވިދާޅުވީ ދައުލަތުގެ މަތީ މަގާމެއް ފުރުއްވާފައިވާ އެފަދަ ބޭފުޅަކު, އެއްބާރުލުން ނުދެއްވާ ހަނު ހުންނެވުމުން ކޮމިޝަނުން ހިތާމަކުރާ ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން ނެރުއްވި ބަޔާނެއްގައި ބުނީ މަރާލާފައިވާ މީހުންނާ، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް، އޮގަސްޓު 3، 2021 ވަނަ ދުވަހު، ރައީސް ޔާމީން ހާޒިރުރު ކުރުމުން ކަންތައް ވެގެންދިޔަ ގޮތާމެދު އެ ކޮމިޝަނުގެ މެންބަރުންނާ އެކި ފަރާތްތަކުން ދައްކަމުން ގެންދާ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށެވެ.

އެގޮތުން އޮގަސްޓް 03 ދުވަހު ގެ 14:00 އަށް ރައީސް ޔާމީން ސިރުކޮށް، ސުވާލު ކުރެވުނު މައްސަލާގައި، އެމަނިކުފާނުގެ މައްޗަށް ކޮމިޝަނުން ކުރާ ތުހުމަތަށް އެމަނިކުފާނު ވަނީ އިންކާރު ކުރައްވާފައި ކަމަށް ބަޔާނުގައި ބުނެއެވެ. އަދި، އެމަނިކުފާނު، އެ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އެއްވެސް ހާލެއްގައި ހަރުދަނާ އެއްވެސް ހެއްކެއް ހުރެގެނެއް ނޫން ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

އެބަޔާނުގައި އިތުރަށް ބުނީ ރައީސް ޔާމީން އާ ދެކޮޅަށް އެ ކޮމިޝަނުން ކުރާތުހުމަތަކީ، ޝައިނިންސްޓާ، އަހްމަދު ރިޝްވާން އަބްދުﷲ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލި މައްސަލައިގެ ހަގީގަތް ހޯދުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ކުރަމުން ގެންދިޔަ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތު ކަމަށްވާ ނަމަވެސް، އެމަނިކުފާނު އެޅުއްވީ ކޮން ހުރަހެއް ކަމެއް އަދި ހުރަސްއަޅުއްވަން އެމަނިކުފާނު ކުރެއްވީ ކޮންކަމެއް ކަމެއް އެ ކޮމިޝަނަށް ބަޔާންކޮށްދީ ނުވާ ކަމަށެވެ.

އަދި ޖުމުލަގޮތެއްގައި މުޅި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ ކަމަށާ، އަދި އެ މައްސަލާގައި އިތުރަށް ކޮމިޝަނަށް ދޭންޖެހޭ މައުލޫމާތެއް ނުވަތަ ދައްކަންޖެހޭ ވާހަކައެއް ނެތްކަމަށް ކޮމިޝަނުގެ ތަހުގީގުގައި ދަންވާފައިވާ ކަމަށް އެބަޔާނުގައި ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާ އަދި ސަރުކާރާއި ބައިއަތު ހިފާފައިވާ، ރައީސް ޔާމީނާ ވާދަވެރި ސިޔާސީ ފަރާތްތައް، އަޑީގައި ތިބެގެން އެކިއެކި ތަހުގީގު އިދާރާތައް މެދުވެރިކޮށް، އަސްލެއްނެތް ތުހުމަތުތައް އުފައްދައިގެން ތަހްގީގު ކުރުމުގެ ނަމުގައި ސުވާލުކުރުމަށް ހާޒިރު ކުރަމުންގެންދަނީ ސިޔާސީ ގޮތުން ގޯނާ ކުރުމަށްކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.
ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުން ނެރުނު ނޫސް ބަޔާން

އެ ބަޔާނުގައި އިތުރަށް ބުނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ތަހްގީގު އިދާރާ ތަކުގެ އޮފިޝަލުން މިފަދަ ނޭއްގާނީ އަދި ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމަކީ އެފަރާތްތަކުގެ އަމަލުތަކަށް މުސްތަގްބަލުގައި ޒިންމާ ނަގަންޖެހޭނެ އަމަލުތަކެއް ކަމަށެވެ.

ރައީސް ޔާމީން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އަދަކުރެއްވި ފަސް އަހަރުގެ ދައުރުގައި އެމަނިކުފާނު ވެރިކަން ކުރައްވާފައިވާނީ ގާނޫނުއަސާސީއާ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްކަމާ އަދި އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއްކުރުމަށް އެއްވެސް ފަރާތަކަށް އިރުޝާދެއްދީ އެންގުމެއް އަންގާފައެއް ނުވާ ކަމަށް ވެސް އެބަޔާނުގައި ބުނެއެވެ.