މޮރިޝަސްގެ ރަށެއް ކަމަށްވާ އަގަލެގާގައި އިންޑިއާގެ ސިއްރު އަސްކަރީ މަރުކަޒު އަޅަނީ ރާއްޖޭގެ ގިނަ ޕޮރޮޖެކްޓްތަކެއް ހަވާލުކޮށްފައިވާ ކުންފުންޏަކަށް ކަން އެނގިއްޖެއެވެ.
އަލްޖަޒީރާގެ ތަހުގީގު ޔުނިޓުގެ މަސައްކަތްތަކާ ހަވާލާދީ، އެ މީޑިއާއިން އާންމު ކުރި ރިޕޯޓެއްގައި ބުނެފައި ވަނީ، އަގަލޭގާގައި، އިންޑިއާއިން ކަނޑުގެ ސިފައިންގެ ފެސިލިޓީއެއް ތަރައްގީ ކުރަމުން އަންނަ ކަމުގެ ހެކި ލިބިފައި ވާ ކަމަށެވެ.
އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، މޮރިޝަސްގައި އިންޑިއާއިން ތަރައްގީ ކުރަމުން އަންނަނީ ވައިގެ ބަނދަރެއް ކަމަށާ، މި އެއާސްޓްރިޕް ނުވަތަ ރަންވޭ، ހަމަ ޔަގީނުންވެސް ބޭނުން ކުރާނީ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއިން ހިންގާ ކަނޑުމަތީގެ ޕެޓްރޯލް މިޝަންތަކަށް ކަމަށެވެ.
އެ މަސައްކަތް ކުރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮން ކުންފުންޏާ ކަމަށް އަލްޖްޒީރާއިން ވަނީ ބުނެފައެވެ.
އެ ކުންފުންޏަކީ ރާއްޖޭގައި މުހިންމު މަޝްރޫއުތަކެއް ހިންގާ ކުންފުންޏަކަށް ވާއިރު އޭގެ ތެރޭގައި އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ. މިދިޔަ ފެބްރުއަރީ މަހު އެކުންޏާ ހަވާލުކުރި އެ މަޝްރޫއަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ފައިސާއަކީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ނަގާ ފައިސާއެވެ.
އޭގެ އިތުރުން ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ބަޔަކާ އަދި ހަވާލު ނުކުރި ނަމަވެސް މައިގަނޑު މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އެފްކޮން ކުންފުންޏާއެވެ.
މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މައްސަކަތް ކުރުމަށް ބަޖެޓުގައި 469 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާ އިރު މި އަހަރުގެ ތެރޭގައި މި ބްރިޖް މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައެވެ. މިދިޔަ އަހަރު ތެރޭ ސަރުކާރުން ބޭއްވި ޕާޓްނާޝިޕް ފޯރަމަށް ހުށަހެޅި ތަފްސީލް ތަކުގައި ވާ ގޮތުގައި ބުރިޖް މަޝްރޫއަށް 7.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެއެވެ.
މޮރިޝަސްގެ މައި ރަށާ ގާތްގަނޑަކަށް 1100 ކިލޯމީޓަރު ދުރުގައި އޮންނަ އަގަލޭގާގައި ތަރައްގީ ކުރަމުން އަންނަ މަޝްރޫއުގެ ތަފްސީލު، ސެޓެލައިޓް ފޮޓޯތަކާ ހަވާލަދީ، އަލްޖަޒީރާއިން ބުނީ، ބޮޑު 2 ޖެޓީއެއްގެ އިތުރުން 3 ކިލޯމީޓަރަށް ވުރެ ދިގު ރަންވޭއެއްގެ މަސައްކަތް ހިނގަމުން ދާ ކަމަށެވެ. އަގަލޭގާއަކީ ގާތްގަނޑަކަށް 300 އެއްހާ މީހުން ދިރިއުޅެމުން އަންނަ ސަރަހައްދެއް ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާއިން މިފަދަ ފެސިލިޓީއެއް ތަރައްގީ ކުރުމުގެ ހަގީގީ މަގުސަދަކީ، އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ބާރު ކަނޑުވާލުން ކަމަށް ވަކާލާތު ކުރެވެއެވެ. މިކަން ކަށަވަރު ކުރުމަށް އިންޑިއާއިން މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅާ، ޗައިނާއަށް ބާރު ހިންގޭނެ މަގުތައް ހަނިކޮށްފައެވެ. އެގޮތުން މޮރިޝަސްގެ އިތުރުން ދިވެހިރާއްޖެއަށްވެސް އިންޑިއާއިން ރޭޑާ ސިސްޓަމް ހަދިޔާ ކޮށްފައި ވާ ކަން އަލްޖަޒީރާއިން ފާހަގަ ކުރެއެވެ.