"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ގެ ނަމުގައި ޕީޕީއެމް އިން ފެށި ގައުމީ ކެމްޕޭނުގެ ދައުވަތު ގަބޫލުކުރަން ބޭނުން ނުވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ގެ ނަމުގައި ޕީޕީއެމް އިން ފެށި ގައުމީ ކެމްޕޭނާ ގުޅުމަށް ބައެއް ސިޔާސީ ޕާޓީތަކަށް ޕީޕީއެމްއިން ރަސްމީކޮށް ދައުވަތު ދީފައިވާއިރު އޭގެ ތެރޭގައި އެމްއާރްއެމް ވެސް ހިމެނެއެވެ.
އެކަމާ ގުޅިގެން އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ އެ ޕާޓީ އަކީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީއެއް ކަމަށާއި އެ ކޯލިޝަނުން ވަކިވެ، ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދުނުކުރާނެ ކަމަށެވެ. އަދި އެ ފަދަ ކަމެއްގައި އެމްއާރުއެމް އިން ބައިވެރިވާން ބޭނުން ނުވާކަމަށް ވެސް އަލީމް ވަނީ ވިދާޅުވެފައެވެ.
ކެމްޕޭނާ ގުޅުމަށް ރަސްމީކޮށް ދައުވަތު ފޮނުވާފައި ވަނީ އެމްއާރްއެމް، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށް ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
އެ ކެމްޕޭން ފަށާފައި ވަނީ މިދިޔަ ޖުލައި މަހު 30 ވަނަ ދުވަހުގެ ރެއެވެ.
އެ ކެމްޕޭނަކީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު، މިނިވަންކަން ދިފާއު ކުރުމަށް ރައީސް ޔާމީންގެ ލަފާފުޅާއެކު ފެށި ކެމްޕޭނެއް ކަމަށް އެޕާޓީން ބުނެއެވެ.
އެ ޕާޓީން ފެށި އެ ކެމްޕޭނުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް ކެމްޕޭން ފެށި ރޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދައުވަތު ދިނެވެ. އޭގެ އިތުރުން ޑީއެންއޭ ގެ ބާނީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އަލަށް އުފައްދަން މަސައްކަތްކުރާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފައުންޑަރު ދަނގެތީ ދާއިރާގެ މުހައްމަދު ނާޒިމް އަށްވެސް އެރޭ ދައުވަތު ދެއްވިއެވެ.
ޕީޕީއެމްގެ އެ ކެމްޕޭން ހަރަކާތް ބާރަށް ކުރިއަށް ގެންދަން ނިންމާފައި ވާއިރު، އަބްދުއްރަހީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ޕީޕީއެމްގެ އެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ.
އަޅުގަޑަށް ހީވަނީ އަބުދުއްރަހީމްއަކީ މޮޔަމީހެއްހެން