ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 ޕަސަންޓު މަސައްކަތް ނިންމާފައިވާކަމަށޤ އެމްޓީސީސީން ބުނެފިއެވެ.

އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން ދުއްވާ ސަރަހައްދުގެ ސަބްގްރޭޑް މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެެ. އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 95 ޕަސަންޓު ވެސް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެމަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާ، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުން ހިމެނެއެވެ.

އޭގެ އިތުރުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުން އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެމަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހެވެ.

އަދި މި މަޝްރޫއަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.