އުރީދޫއަށް މިއަހަރުގެ ދެވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 423 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއިން އާންމުކުރި ދެވަނަ ކުއާޓާގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުއާޓާގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް އެކުންފުންޏަށް ވަނީ ލިބިފައެވެ.

އެ އަދަދުގެ ތެރޭގައި ހިމެނެނީ:

  • މޯބައިލް ހިދުމަތްތަކުން: 320 މިލިއަން ރުފިޔާ
  • ފިކްސްޑް، ބްރޯޑްބޭންޑު އަދި އެންޓަޕްރައިސް ހިދުމަތްތަކުން: 102 މިލިއަން ރުފިޔާ
  • އެހެނިހެން ހިދުމަތްތަކުން: 187،000 ރުފިޔާ

ދެވަނަ ކުއާޓާގައި އުރީދޫއަށް ލިބުނު އާމްދަނީ ފުރަތަމަ ކުއާޓާގެ އާމްދަނީއާ އަޅާބަލާއިރު 5.3 ޕަސެންޓު ދަށްވި ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އަޅާބަލާއިރު އެއީ 3.3 ޕަސެންޓް އިތުރު އަދަދެކެވެ.

ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އުރީދުއަށް 115 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި އުރީދޫއަށް ލިބުނީ 97 މިލިއަން ރުފިޔާއެވެ.

ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދެވަނަ ކުއާޓަރުގެ އާމްދަނީ ދަށްވި ސަބަބެއް ކަމަށް އުރީދޫއިން ބުނީ ކޮވިޑް 19 ޕެންޑެމިކްއާއެކު ރޯމިން ހިދުމަތްތަކުން ލިބުނު އާމްދަނީ ހީނަރުވުމުން ކަމަށެވެ.