ރާއްޖޭގެ 17 އަތޮޅެއްގައި މީރާގެ އޮފީސްތައް ގާއިމުކޮށްފައިވާ ކަމަށާ، އިތުރަށް ހިދުމަތްތައް ފުޅާކުރުމަށް އަދިވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވެއްޖެއެވެ.

ފަތުހުﷲ އެހެން ވިދާޅުވީ މީރާގެ 11 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ވާހަކަ ދައްކަވަމުންނެވެ.

ފަތުހުﷲ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވިޔަފާރިތައް ހިންގުމަށްވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އުނދަގޫ ހާލަތުން އަރައިގަތުމަށް ޓެކްސް ދައްކާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން، ގާނޫނީ ތަރަހައިގެ ތެރެއިން، ޓެކްސް ނިޒާމުގައި ޓެކްސްދައްކާ ފަރާތްތަކަށް ދެވެންހުރި ލުއިތައް ހަމަޖައްސައިދެމުންދާ ކަން ފަތުހުﷲ ވިދާޅުވިއެވެ. އެގޮތުން ޓެކުހުގެ ސުންގަޑިތައް ފަސްކޮށްދިނުމާ، އިންސްޓޯލްމަންޓް އުސޫލުން ޓެކްސް ދެއްކުމުގެ ފުރުސަތު އިތުރަށް ފަސޭހަކޮށްދިނުމާ ޖޫރިމަނާ މާފުކުރުމުގެ އުސޫލު ލުއިކޮށްދީފައިވާ ކަން ފަތުހުﷲ ފާހަގަކުރެއްވިއެވެ.

މީރާގެ ހިދުމަތް ދޭ މަރުކަޒު

ފަތުހުﷲ ވިދާޅުވީ މީރާގެ އިދާރީ މަސައްކަތްތައް ހަރުދަނާކޮށް، ދިމާވެދާނެ ނުރައްކާތެރި ހާލަތަކަށް މުއައްސަސާއަށް ދިމާވެދާނެ ރިސްކްތައް ދެނެގަނެ އަދި އެ ރިސްކްތައްމިޓިގޭޓްކުރުމުގެ ގޮތުން، މީރާގެ ބިޒްނަސް ކޮންޓިނިއުޓީ ރިސްކް އަދި އެންޓަޕްރައިޒް ރިސްކް ރަޖިސްޓަރީ އަދި މިޓިގޭޝަން ޕްލޭން ހިމެނޭ ގޮތުން، އިންޓާނޭޝަނަލް މަނިޓަރީ ފަންޑްގެ ފަންނީ އެހީތެރިކަމާއެކު، މީރާގެ ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ފާއިތުވި އަހަރުތެރޭ އެކުލަވާލާފައިވާ ކަމަށެވެ.

މީރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއަށް ދައްކާ އެންމެހާ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމުގެ ގޮތުން ދިރާގު ޕޭ އަދި އުރީދޫ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ފާއިތުވި އަހަރު ހަމަޖައްސާފައިވާ ކަން ފަތުހުﷲ ފާހަގަކުރެއްވިއެވެ.

ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، މިރާގެ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފާއިތުވި އަހަރުވެސް އިތުރު 2 އޮފީހެއް ރާއްޖޭގެ 2 އަތޮޅެއްގައި ގާއިމްކޮށްފައިވާ ކަން ފަތުހުﷲ ފާހަގަ ކުރެއްވިއެވެ.

އެގޮތުން މ.މުލި އަދި ނ.މަނަދޫގައި މީރާގެ ކަލެކްޝަން ސެންޓަރު ހުޅުވާ، ހިދުމަތްދޭން ފަށާފައިވާ ކަމަށާއި އެ އޮފީސްތަކާއެކު ރާއްޖޭގެ 17 އަތޮޅެއްގައި މިހާރު މީރާގެ އޮފީސްތައް ގާއިމު ކޮށްފައިވާ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ. އެ އޮފީސްތަކުގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާފަރާތްތަކަށް ބޭނުންވާ މައުލޫމާތާ އެހީތެރިކަން ފޯރުވައިދިނުމަށް އިތުރަށް ފަސޭހަތައް ލިބެގެން ދާނެ ކަމަށް ފަތުހުﷲ ވިދާޅުވިއެވެ.

ފަތުހުﷲ ވިދާޅުވީ މީރާގެ ހަޔާތުން 12 ވަނަ އަހަރަކަށް ކުރިމަތިލާއިރު، ކާމިޔާބު މުއައްސަސާއެއްގެ ގޮތުގައި ،ކުރިއަށް މިދަނީ މީރާގެ މުވައްޒަފުންގެ މިންނެތް މަސައްކަތާ، ޓެކްސް ދައްކާ ފަރާތްތަކުންނާ އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާ އެކުގައި ކަމަށެވެ.

އެހެން ކަމުން މުވައްޒަފުންނާ، ޓެކްސްދައްކާ ފަރާތްތަކަށާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ފަތުހުﷲ ވަނީ ޝުކުރު އަދާކުރައްވާފައެވެ.