އަވަށްޓެރި ސްރީލަންކާގައި ކާބޯތަކެތި ބަންދު ކުރުމަށް އާންމުކޮށް ބޭނުން ކުރަމުން އަންނަ ނޮން-ޑީގްރޭޑަބަލް ނުވަތަ އަވަސް މުސްތަގުބަލެއްގައި ހަލާކުވެ ނުދާ ޒާތުގެ ޕޮލިތީން ޝީޓު ބޭނުން ކުރުން މަނާކޮށް، އެކަން ތަންފީޒު ކުރަން ފަށައިފިއެވެ.

ކާބޯތަކެތި ބަންދު ކުރަން، ޕޮލިތީން ޝީޓު ބޭނުން ކުރުން މަނާކޮށް، އެކަން ތަންފީޒު ކުރަން ފަށާފައި ވަނީ އޯގަސްޓް 1، 2021 ވަނަ ދުވަހު ކަމަށް، ސްރީލަންކާގެ ތިމާވެއްޓާ ބެހޭ ވަޒީރު، މަހިންދާ އަމަރަވީރާ ވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ވުޒާރާއިން ވަނީ، ޕޮލިތީން ޝީޓު އުފައްދާ، އެ ބޭނުން ކުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. މިފަދަ ޝީޓު ބޭނުން ކޮށްގެން ކާބޯތަކެތި ބަންދު ކުރުން މަނާ ކުރުމުގެ ގަވައިދު ގެޒެޓް ކުރީ 2017 ވަނަ އަހަރުގެ ތެރޭގައި ނަމަވެސް، އެކަން ތަންފީޒު ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ކާބޯތަކެތި ބަންދު ކުރުމަށް ލަންކާގައި އާންމުކޮށް ބޭނުން ކުރަމުން އައި ނޮން-ޑީގްރޭޑަބަލް ޕޮލިތީން ޝީޓުގެ ބަދަލުގައި ދެން ބޭނުން ކުރަން ޖެހޭނީ، ފަސޭހައިން ހަލާކުވެ ދާ ފަދަ، ތިމާވެއްޓާ ރައްޓެހި މާއްދާތަކުން އުފައްދާފައިވަ ޝީޓު ކަމަށާ، އެ ތަކެއްޗަކީ ލަންކާގެ އުފެއްދުމަކަށް ވާންޖެހޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ވަޒީރު ވަނީ ދެއްވާފައެވެ.

އަހަރެއްގެ މައްޗަށް ބަލާއިރު، 5475 މިލިއަނެއްހާ ނޮން-ޑީގްރޭޑަބަލް ޕޮލިތީން ޝީޓު، ތިމާވެއްޓަށް ދޫކޮށްލެވޭ ކަމަށް ލަންކާއިން މީޑިއާއިން ރިޕޯޓް ކުރެއެވެ. ލަންކާގެ ސެންޓްރަލް އެންވާރަމަންޓް އޮތޯރިޓީން ބުނާ ގޮތުގައި، ދުވާލެއްގެ މައްޗަށް މިފަދަ 15 މިލިއަން ޝީޓު، ތިމާވެއްޓަށް ދޫކޮށްލެވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ނޮން-ޑީގްރޭޑަބަލް ޕޮލިތީން ޝީޓު ހަލާކުވެ، ނެތި ދިއުމަށް، 100 އަހަރާއި 200 އަހަރާ ދެމެދުގެ މުއްދަތެއް ހޭދަވެއެވެ.