އޮމާންގެ ރަށް ބޭރުން ދަތުރު ކުރަމުން ދަނިކޮށް، އިޒްރޭލުގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ އެމްވީ މާސާ ސްޓްރީޓަށް މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގެ ފަހަތުގައި އޮތީ އީރާން ކަމަށް ގަބޫލު ކުރެވޭ ކަމަށާ، އެކަމުގެ ބަދަލު، އީރާނުގެ ކިބައިން ހިފާނެ ކަމަށް، އިނގިރޭސިވިލާތާއި އެމެރިކާއިން ބުނެފިއެވެ.

ބައިނަލްއަގުވާމީ ގާނޫނާއި ހިލާފަށް އީރާނުން ދިން ކަމަށް ބުނާ މި ހަމަލާގައި އިނގިރޭސި ރައްޔިތެއްގެ އިތުރުން، ރޯމޭނިއާގެ ރައްޔިތަކު ވަނީ މަރުވެފައެވެ.

މި ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިޝާރާތެއް އިނގިރޭސިންނާއި އެމެރިކާއިން ދީފައި ވަނީ، މި ހަމަލާގެ ފަހަތުގައި އޮތީ އީރާންކަން ސާބިތުވާ ވަރުގެ ހެކި އެބަހުރި ކަމަށް، އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ހާމަކޮށްފައި ވާ ދަނޑިވަޅެއްގައެވެ. އަދި އިޒްރޭލުގެ ގޮތުގައި އީރާނަށް މެސެޖު ފޮނުވަން ވީ ގޮތްވެސް އިޒްރޭލަށް އެނގޭ ކަމަށް ބެނެޓް ވަނީ ފާހަގަކޮށްފައެވެ.

ތެޔޮ ޓޭންކަރަށް ދިން ހަމަލާއަކީ، އިޒްރޭލާއި އީރާނާ ދެމެދު ސިލްސިލާ ގޮތެއްގައި އުފެދިފައި ވާ ހަމަނުޖެހުންތަކަށް އެންމެ ފަހުން އިތުރުވި ބޮޅެވެ. މާޗް މަހުން ފެށިގެން، އެއް ބަޔަކު، އަނެއް ބައެއްގެ އުޅަނދުފަހަރަށް މި ފަދަ ހަމަލާތައް ދެމުން ގޮސްފައިވެއެވެ.

އެމްވީ މާސާ ސްޓްރީޓަށް ދިން ހަމަލާއާ ގުޅިގެން، އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނީކް ރާބް ވިދާޅުވީ، މި ހަމަލާ ދިނުމަށް އެކެއް ނުވަތަ އެއަށް ވުރެ ގިނަ އަދަދެއްގެ ޑްރޯން، އީރާނުން ބޭނުން ކޮށްފައި ވާ ކަމަށެވެ. އަދި އެއީ އަމާޒުކޮށްގެން، ގަސްތުގައި ދީފައި ވާ ހަމަލާއެއް ކަމަށާ، ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ދިން ހަމަލާއެއް ކަމަށްވެސް ރާބް ވިދާޅުވިއެވެ.

އީރާނުން މިފަދަ ހަމަލާތައް ދިނުން ހުއްޓާލަން ޖެހޭ ކަމަށާ، މިނިވަން ކަމާއެކު ދަތުރުފަތުރު ކުރުމުގެ ފުރުސަތު، އުޅަނދުފަހަރަށް އޮންނަންޖެހޭ ކަމަށްވެސް ރާބް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކަންވެސް ވިދާޅުވީ، މި ހަމަލާގެ ފަހަތުގައި އޮތީ އީރާން ކަމަށް ޔަގީން ކުރެއްވޭ ކަމަށާ، އެކަމަށް އެކަށީގެންވާ ބަދަލު، އީރާންގެ ކިބައިން ހިފާނެ ކަމަށެވެ.

އީރާންގެ މި އަމަލަކީ ކުށުގެ އަމަލެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކަނޑައަޅާނެ ކަމަށް ގަބޫލު ކުރާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ބުނެފައެވެ.

މި ހަމަލާއާ ގުޅިގެން އަމާޒު ކުރަމުން ދާ ތުހުމަތުތަކަށް އީރާނުން އިންކާރު ކުރެއެވެ. އަދި އީރާނުގެ ނިއުކްލިއާ ސައިޓްތަކާއި ސައެންސްވެރިންނަށް އިޒްރޭލުން ހަމަލާ އަމާޒު ކުރާ ކަމަށް އީރާނުން ތުހުމަތު ކުރެއެވެ.