ނޫސްވެރިޔާ، އަހްމަދު ރިޟްވާން ގެއްލުވާލި މައްސަލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.
"ދަ ޕްރެސް" އަށް މަރު ކޮމިޝަނުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ތިންވަނަ ދުވަހު މަރު ކޮމިޝަނަށް ހާޒިރުވުމަށް ޔާމީނަށް އަންގާފައިވާ ކަމަށެވެ.
މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތްގޮތުން ޔާމީނަށް އަނިޔާވެރިވުމަށް ކަމަށާއި މަރު ކޮމިޝަން ވެސް ހޭލާފައި މިވަނީ ކުއްލިއަކަށް ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޖަލުގައި ހުންނަވަނިކޮށް މިދިޔަ އެޕްރީލް މަހު 29 ވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކޮށްފައިވާއިރު ރައީސް ޔާމީން ވަގުތީ ގޮތުން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އޭރު ވަނީ ބުނެފައެވެ.
މި ކޮމިޝަންތަކާއި ކޯޓްތަށް ބޭނުން ކޮއްގެން ނުހައްގުން ޖަހާހުކުމާއި ދޭ އަނިޔާއަށް. ދައުރު ބަދަލުވެ ވެރިކަން ބަދަލުވީމާ، އަނިޔާ ލިބެނީ ކޯޓްތަކުގެ ގާޒީންނާއި ތަޖުގީގީ އިދާރާތްތައް ތަމްސީލް ކުރި ފަރާތަކެވެ.