ހިޔާ ފްލެޓް ލިބުނު މީހުން ބޭނުންވާ ކަންކަން ހިމެނޭ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވެއްޖެއެވެ.

ހިޔާ ޔޫނިއަނުން ތައްޔާރު ކޮށްފައިވާ ޕެޓިޝަނުގައި 2،177 މީހުން ސޮއިކޮށްފައިވާ އިރު އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރެޓީ ލީޑަރު އަލީ އާޒިމްއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

އެ ޕެޓިޝަނުގައ ހިޔާ ޔޫނިއަން އިން އެދެނީ ޔުނިޓްތަކުގެ ކުލި 5600 ރުފިޔާ އަށް ކުޑަކުރެވި އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގުރޭސް ޕީރިއެޑް 12 މަހަށް ހެދުމަށެވެ. އަދި ޖުމްލަ އަގުން އިންޓީރިއާ އަށް ހޭދަވާ 100،000 ރުފިޔާ މައާފް ވެގެން ދިއުމަށެވެ.

ހިޔާ ޔޫނިއަނުން ފާހަގަކުރި ގޮތުގައި އެ މައްސަލަތައް ހައްލުކުރަން ކަމާބެހޭ އެހެން ފަރާތްތަކަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ހައްލެއް ލިބިފައި ނުވެއެވެ.

ހިޔާ ފުލެޓު ލިބުނު ފަރާތްތަކުގެ ކަންބޮޑުވުން ތަކަށް ހައްލެއް ހޯދުމަށް ފާއިތުވި 2 މަސް ދުވަހު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެ ޔޫނިއަން އިން ބުނެއެވެ. ނަމަވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށް އެޔޫނިއަން އިން ބުނެއެވެ.

މިދިޔަ ޖޫން މަހުވެސް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް، ފިނިޝިންގް މަސައްކަތް ނިންމާ މުއްދަތު އިތުރުކޮށް، އަވަހަށް ފްލެޓްތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލާ ކަމާ ބެހޭ އިދާރާތަަކަށް ފްލެޓް ލިބުނު މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުއެވެ. ނަމަވެސް އެކަމަށް ސަރުކާރުން އިޖާބައެއް ނުދިނެވެ.

މީގެ އިތުރުން ވެސް ފްލެޓް ލިބިފައިވާ މީހުން އަންނަނީ އެމީހުންގެ އިތުރު ޝަކުވާތައް ހިއްސާ ކުރަމުންނެވެ. ކޮވިޑްގެ ސަބަބުން އިގްތިސޯދަށް އައި ލޮޅުމާއެކު މިހާރު ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި ފްލެޓް ލިބުން ވެގެން ދާނީ އެތައް އާއިލާއަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ކަމުގައި އެއް ބަޔަކު ބުނެއެވެ. އަދި ކޮވިޑް ބަލި ފެތުރެމުންދާ އިރު ތޮއް ޖެހުން ކުޑަަކުރުމަށް ވެސް އަވަހަށް ފްލެޓްތައް ދިނުމަކީ ހައްލެއްގެ ގޮތުގައި ދެކޭ ބައެއް މީހުން ވެސް އުޅެއެވެ.