ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކ.ގުރައިދޫއަށް ޒިޔާރަތް ކުރައްވާ އެރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް މި ދަތުރުފުޅުގައި ގުރައިދޫގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވާ، އެ މުއައްސަސާތަކުގެ މަސައްކަތް ހިނގަމުންދާގޮތް ވަނީ ބައްލަވާލައްވާފައިވެއެވެ.

‎ނައިބު ރައީސް ހޮނިހިރުދުވަހު މެންދުރުފަހު ގުރައިދުއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިދަތުރުފުޅުގައި ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ނައިބު ރައީސް ކުރެއްވި ޒިޔާރަތުގައި، އެތަނުގެ ހާލަތު ބައްލަވާލައްވާ އެ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އެ މަރުކަޒުގެ އިސްވެރިން ވަނީ މަރުކަޒު ހިންގުމަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށް ރާވައި ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވަނީ އެ މަރުކަޒުގެ މުވައްޒަފުން ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތުގެ އަގުވަޒަންކުރައްވާ، އެ ފަރާތްތަކަށް ހިތްވަރުދެއްވާފައެވެ.

ގުރައިދޫއަށް ކުރެއްވި ދަތުރުގައި ނައިބު ރައީސް ފައިސަލް އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް

‎ނައިބު ރައީސް މި ދަތުރުފުޅުގައި ގުރައިދޫ ސިއްހީ މަރުކަޒާއި އެރަށުގައި އަލަށް ހިއްކި ސަރަހައްދު ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ ގުރައިދޫ ރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްގީއަށް މިހާރު ކުރަމުންގެންދާ މަސައްކަތްތަކާއި ސަރުކާރުން އެރަށުގައި ހިންގަވާ މަޝްރޫއުތަކުގެ މަސައްކަތް ހިނގަމުންދާގޮތުގެ މައުލޫމާތު ނައިބު ރައީސް އާއި ހިއްސާކުރައްވާފައެވެ.

‎މި ބައްދަލުވުމުގައި ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ރަށުގެ ބިމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން 15 ހެކްޓަރުގެ ބިން ހިއްކަވައިދެއްވަމުން ގެންދަވާކަމަށްޓަކައި ވަނީ ޝުކުރުއަދާ ކުރައްވައިފައެވެ. މީގެ އިތުރުން ރަށުގައި ތަރައްގީއަށް ހިންގަމުންގެންދާ އިތުރު މަޝްރޫއުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ހިނގަމުންދާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެބޭފުޅުންގެ ބައެއް ކަންބޮޑުވުންތައްވެސް ހިއްސާ ކުރައްވާފައެވެ.

‎ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ރަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތެރަޕިސްޓުންގެ ހިދުމަތް ގާއިމްކުރުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

‎މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދުދީދީ އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި، ހެލްތު މިނިސްޓްރީ އާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.