އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާ ފަރާތްތަށް ބައިތިއްބާނެ ތަނެއް ގުޅީފަޅުގައި ޤާއިމްކުރުމަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް 2021" އާ ގުޅިގެން މިއަދު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންސާނީ ވަގުފާރީގެ ޝިކާރައަށް ވާ ފަރާތްތަކަށް ހާއްސަ ޝެލްޓަރެއް ގުޅީފަޅުގައި ގާއިމް ކުރުމާއި، ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އެންޓި-ޓްރެފިކިން އިން ޕާސަންސް (އެންޓި-ޓިޕް) އޮފީސް ގާއިމް ކުރުމަށާއި އެކްޝަން ޕްލޭން ތަންފީޒު ކުރުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުން ހިމެނޭ ކަމަށެވެ. އަދި މީހުން ޓްރެފިކް ކުރުން ހުއްޓުވުމާ ބެހޭ ގާނޫނު އ.ދ.ގެ ޓިޕް ޕްރޮޓޮކޯލްއާ އެއްގޮތް ކުރަން ގާނޫނަށް ގެނެސްފައިވާ ބަދަލު މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އިން އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ވިކްޓިމް އެސިސްޓަންސް އަދި ޝެލްޓާ ސާވިސް ރެގިއުލޭޝަން އެކުލަވައިލުމާއި، ވަގުފާރިއާ ދެކޮޅަށް ކޮމިއުނިކޭޝަން ސްޓްރެޓެޖީއެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ.

މާރިޔާގެ ބަޔާނުގައި ވިދާޅުވީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކޮންމެ އަހަރަކު ނެރޭ ޓްރެފިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގައި، 2017 ވަނަ އަހަރު ރާއްޖޭގެ ޕާފޯމަންސާ ގުޅިގެން ވޮޗްލިސްޓަށް އެރި ކަމަށެވެ. ނަމަވެސް މިމަހުގެ އެއް ވަނަ ދުވަހު ރާއްޖެ ވޮޗްލިސްޓުން އުނިވެފައި ވާ ކަމަށް ވިދާޅުވިއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން އެކުލަވާލައިފައި ވާ އެކްޝަން ޕްލޭންގެ ދަށުން ހާސިލް ކޮށްފައިވާ މުހިންމު ކުރިއެރުންތައް ވެސް މިނިސްޓަރުގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"ވޯލްޑް ޑޭ އެގެއިންސްޓް ޓްރެފިކިން އިން ޕާސަންސް" ފާހަގަކުރުމަށް އ.ދ. އިން މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ "ވިކްޓިމްސް ވޮއިސަސް ލީޑް ދަ ވޭ" އެވެ. މިޝިއާރު ބިނާވެފައި ވަނީ އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކުގެ އަޑު އަހައި، އެފަދަ ފަރާތްތަކުގެ އިހްސާސްތައް އިތުރަށް ދެނެގަނެ އަދި އެކަންކަމަށް ބިނާކޮށް ސިޔާސަތުތައް ބައްޓަންކުރަން ހިތްވަރުދިނުމުގެ މައްޗަށެވެ.