ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެ ނަމުގައި އެމްޑީޕީ ވަޓްސްއަޕް ގްރޫޕްއަކަށް ލީ ސިޓީ އަކީ އެޑިޓެއް ކަމަށް އެޕާޓީ އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމްޑީޕީގެ ސެކްރެޓޭރިއޭޓުގެ މެންބަރަކު ވިދާޅުވީ "އެއީ ދޮގު ކަމަށާއި އެޑިޓް ކޮށްފައި އޮތް ސިޓީއެއް" ކަމަށެވެ.

އެ ސިޓީ އަކީ ރައީސް ނަޝީދަށް "ދަ ލަންޑަން ސައިކޭޓަރީ ސެންޓަރު" އިން ދީފައިވާ ސިޓީއެކެވެ.

6 މޭ ގެ ހަމަލާއަށްފަހު، އެމަނިކުފާނަށް ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑާ ނުވަތަ ޕީޓީއެސްޑީ ހުރިތޯ ބެލުމަށް ހެދި އިވެލުއޭޝަނަށް ފަހު ސައިކޮލޮޖިސްޓު ފާހަގަކުރައްވާފައި ވަނީ އެ ހާލަތުގެ އެއްވެސް އަލާމާތެއް އެމަނިކުފާނުގެ ކިބައިން ނުފެންނަ ކަމަށާއި އޭގައި ބުނާގޮތުން ރައީސް ނަޝީދުގެ ނަފްސާނީ މައްސަލައެއް ނެތެވެ.

ދައުރު ވަމުންދާ ނަޝީދު ހިއްސާކުރެއްވި ކަމަށް ބުނާ ސިޓީ

އަދި ނަފްސާނީ އެއްވެސް މައްސަލައަކަށް ފަރުވާ ހޯއްދަވަން ޖެހިވަޑައި ނުގަންނަވާ ކަމަށްވެސް އެ ސިޓީގައި ބުނެފައި ވެއެވެ. އެ ސިޓީގައި އިތުރަށް ފާހަގަ ކޮށްފައި އޮތް އެއް ވާހަކަ އަކީ ރައީސް ނަޝީދު އަމިއްލަފުޅަށް "ރާފޮދު ހިއްޕެވުން" ހުއްޓަވާލެއްވި ކަމަށެވެ. އެވާހަކަ މިއަދު ބައެއް މީޑިއާތަކުގައި ދައުރުވާން ފެށުމާއެކު އެ ސިޓީ ވަޓްސްއެޕް ގްރޫޕުން ވަނީ ޑިލީޓް ކޮށްފައެވެ.

އެމްޑީޕީގެ ބައެއް މަސްދަރުތަކުން ބުނެފައި ވަނީ ވަޓްސްއަޕް ގުރޫޕުގައި އެސިޓީ ހިއްސާ ކުރެއްވި ކަމަށާއި އެކަން ކުރެއްވީވެސް ރައީސް ނަޝީދު އަމިއްލަފުޅަށް ކަމަށެވެ. އެ ސިޓީ ހިއްސާކުރައްވާ ވަގުތުކޮޅެއްގެ ފަހުން އެމަނިކުފާނު އެ ސިޓީ ޑިލީޓް ކުރެއްވި ނަމަވެސް އެ ސިޓީއަށް އެމްޑީޕީގެ އެހެން ބައެއް މެންބަރުން ކޮމެންޓްވެސް ކުރެއްވި ކަމަށާއި އޭގެ ތެރެއިން ބައެއް ކޮމެންޓްގައި "ސޯ ގްޑް ޓު ނޯ"، (އެނގުނުކަން ހާދަ ރަގަނޅޭ)، "ބެސްޓް އިންޑެޕެންޑެންސް ޑޭ ގިފްޓް ފޯ އަސް" (މިނިވަން ދުވަހުގެ އެންމެ ރަނގަޅު ހަދިޔާ) ފަދަ ކޮމެންޓްތައް ހުއްޓެވެ.

ރައީސް ނަޝީދު މިހާރު ހުންނެވީ، މެއި 6، 2021 ގައި މާލޭގައި ބަޔަކު އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށް ފަރުވާ ހޯއްދެވުމަށް އިނގިރޭސިވިލާތުގައެވެ. މެއި 6 ގެ ހަމަލާގައި އެމަނިކުފާނަށް ވަނީ ގިނަ ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. އެ ޒަހަމްތަކަށް މާލޭގެ އޭޑީކޭއިން ފަރުވާ ހޯއްދެވުމަށްފަހު ޖަރުމަނުވިލާތަށް ވަޑައިގެން އެގައުމުންވެސް ފަރުވާ ހޯއްދެވިއެވެ. އޭރު ނަޝީދަށް ސައިކޭޓްރިސްޓެއްގެ އެހީ ބޭނުންވާ ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ނަޝީދުގެ ބޭބޭފުޅު ވިދާޅުވިއެވެ.