އެމްޓީސީސީން ހއ. އިހަވަންދޫގައި ކުރިއަށް ގެންދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދާގޮތް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

ސީއީއޯ އާޒިމް މިއަދު މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން ވަނީ، މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާ ލައްވާ، މަސައްކަތް ކުރަމުން އަންނަ ފަރާތްތަކާއި، ބައްދަލު ކުރައްވާފިއެވެ.

އެ މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާ، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާ، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން އަދި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އޭގެ އިތުރުން މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާ، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް އެ މަޝްރޫގެ ދަށުން ހިމެނެއެވެ.

އެ މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުއަކީ 51.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.