ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަބްދުﷲ ޝާހިދު، ރަސްމީ ދަތުރެއްގައި ބަލްގޭރިއާ އަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 27-29 އަށް ޝާހިދު ބަލްގޭރިއާ ކުރައްވާ މި ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސްވެޓްލަން ރިސްޓަވް ސްޓޮވްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާނެއެވެ.

ބަލްގޭރިއާގެ ޓޫރިޒަމް މިނިސްޓަރުގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ވެސް ޝާހިދު ބައްދަލުކުރައްވާނެ ކަމަށާއި އެކި ދާއިރާތަކުން ހުރި ފުރުސަތުތައް ބަލައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ދަތުރުގައި އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު ކުރައްވާ އުއްމީދުތަކާއި ހާއްސަ އިސްކަމެއް ދެއްވާނެ ކަންކަން ވެސް އެ ބޭފުޅުންނަށް ހިއްސާކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އދ.ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޝާހިދު މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާ އަށް ވެސް ވަޑައިގަތެވެ. އެ ދަތުރުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވިއެވެ. އަދި އެ ދަތުރުގެ ތެރެއިން ވަނީ ރާއްޖެ އަށް އިންޑިއާ އިން ދޭ ހިލޭ އެހީ އިތުރު ކުރުމުގެ އެއްބަސްވުން ވެސް އާ ކޮށްފައެވެ.