ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ 6 ވަނަ ދަވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ވާ، މ. ކުދެހިގޭ އިސްހާގާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި ދެމީހުން ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިތުރު 30 ދުވަސް ޖަހާފައެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ މ. ކުދެހިގޭ އިސްހާގަކީ ހަމަލާ ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކުރި އެކަކު ކަމަށެވެ. އަދި ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވައިލި އަދުހަމް އަހުމަދު ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އިސްހާގު ކަމަށް ފުލުހުން ބުނެފައިވެއެވެ. ހަމަލާގެ އެންމެ އިސް ތިން މީހުންގެ ތެރޭގައި އިސްހާގު ހިމެނޭއިރު ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަކީ ވެސް ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި އަދިވެސް ހައްޔަރުކޮށްގެން ތަހުގީގު ކުރިއަށް ގެންދަނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި އިސްހާގާއި ފަހުމީ އާއި އއ. މާޅޮހު އަސަރީގޭ މުހައްމަދު ނާޒިމްގެ އިތުރުން ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެއެވެ.

މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަދުހަމް، މުޖާޒް އަދި ތަހުމީން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި އެ ދުވަހު ހައިޝަމް 30 ދުވަހަށް ބަންދު ކުރަން ނިންމާފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިހާތަނަށް 840 އަށް ވުރެ ގިނަ ތަންތަން ބަލައި، 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލު ކޮށްފައެވެ.