ހައްދު ފަހަނައަޅާ ގޮސްފައިވާ ހަރުކަށި ފިކުރުގެ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުން އޮތް ކަމުގެ ތުހުމަތު އަމާޒުވެފައި ވާ އެ ގައުމުގެ ރައްޔިތުން ބަލައިގަންނަން ތައްޔާރަށް އޮތް ކަން، ނިއުޒީލަންޑުން ހާމަކޮށްފިއެވެ.

ނިއުޒީލަންޑްގެ މަގުބޫލު ބޮޑުވަޒީރު ޖެސީންޑާ އެޑާން ވިދާޅުވީ، އައިސިސްއާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ ނިއުޒީލަންޑްގެ އަންހެނަކާއި އޭނާގެ 2 ދަރިނާ ގުޅިގެން ތުރުކީވިލާތުން ހުށަހަޅާފައި ވާ ހުށަހެޅުން ބަލައިގަތުމަށް ނިއުޒީލަންޑުން އެއްބަސްވެފައި ވާ ކަމަށެވެ.

މި 3 މީހުންނަކީ ސޫރިޔާއިން ތުރުކީވިލާތަށް އެތެރެވާން މަސައްކަތް ކުރުމުގެ ތެރޭގައި، މިއަހަރުގެ ކުރީކޮޅު، ތުރުކީވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކޮށް، އިމިގްރޭޝަން ޑިޓެންޝަންގައި ބައިތިއްބާފައި ތިބި 3 މީހުންނެވެ. ތުރުކީވިލާތުގެ ކަމާ ބެހޭ ފަރަތްތަކުން އެމީހުން އަނބުރާ ނިއުޒީލަންޑަށް ގެންދިއުމަށް އެދި، ނިއުޒީލަންޑަށް ހުށަހަޅާފައެވެ.

އެޑާން ވިދާޅުވީ މި 3 މީހުން އަނބުރާ ގައުމަށް ގެނައުމަށް އެޅުއްވި ފިޔަވަޅަކީ އާދައިގެ ފިޔަވަޅެއް ނޫން ކަމަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ނިއުޒީލަންޑްގެ މައްޗަށް އޮތް ޒިންމާތަކަށްވެސް ރިއާޔަތް ކޮށްފައި ވާނެ ކަމަށާ، ވަކިން ހާއްސަކޮށް، މިކަމުގައި ކުޑަކުދިން ޝާމިލު ވާ ކަން އެޑާން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ކޭހުގައި ރިއާޔަތް ކުރާ އަންހެން މީހާ އަކީ، ނިއުޒީލަންޑްގެ އިތުރުން އޮސްޓްރޭލިއާގެ ރަށްވެހިކަންވެސް އޮންނަ މީހެކެވެ. އޭނާގެ އާއިލާއާއެކު އޮސްޓްރޭލިއާއަށް ބަދަލުވީ، އަންހެން މީހާގެ އުމުރުން އެންމެ 6 އަހަރުގައެވެ. 2014 ވަނަ އަހަރު، އޮސްޓްރޭލިއާގެ ޕާސްޕޯޓެއްގައި ސޫރިޔާއަށް ފުރުމާ ހިސާބަށްވެސް އޭނާ ދިރިއުޅުނީ އޮސްޓްރޭލިއާގައެވެ.

ނަމަވެސް އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ އަންހެން މީހާގެ ރަށްވެހިކަން ބާތިލު ކޮށްފައެވެ. އަދި އެ ނިންމުން ބަދަލު ކުރުމަށް ނިއުޒީލަންޑުން ތަކުރާރުކޮށް ގޮވާލި ގޮވާލުންތަކަށް އޮސްޓްރޭލިއާއިން ވަނީ އިންކާރު ކޮށްފައެވެ. ނިއުޒީލަންޑުންވަނީ އޮސްޓްރޭލިއާގެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެފައެވެ. އަދި މިކަމަކީ ބައިނަލްއަގުވާމީ ޒިންމާތަކުން އޮސްޓްރޭލިއާ ބޯދަމައިގަތުން ކަމަށްވެސް ނިއުޒީލަންޑުން ވަނީ ސިފަކޮށްފައެވެ.

ތުރުކީވިލާތުން ބުނާ ގޮތުގައި 26 އަހަރުގެ އަންހެން މީހާއަކީ އައިސިސް ޓެރަރިސްޓެކެވެ. އަދި އެނާއަކީ އިންޓަޕޮލް ބްލޫ ނޯޓިސް ލިސްޓުގައި ހިމެނޭ މީހެކެވެ. އިންޓަޕޮލް އިން ބްލޫ ނޯޓިސް ނެރެނީ މީހަކާ ބެހެ އިތުރު މައުލޫމާތު ހޯދުމަށެވެ.