ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިބި ރައީސް ނަޝީދުގެ ފެކްޝަންގެ މެންބަރުން ފާސްކޮށްފިއެވެ. މި މައްދަލުވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވަނީ ބޯއިކޮޓް ކޮށްފައެވެ.

މި ގަރާރު ފާސްވެފައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން 39 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ގަރާރު ހުށަހަޅުއްވާފައި ވަނީ އެމްޑީޕީ ގައުމީ މަޖިލީހުގައި މިރޭ ކުރިއަށް ދިޔަ 180 ވަނަ ބައްދަލުވުމުގައެވެ. އެ ގަރާރު ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ފުލުހުން ރޭ އާންމު ކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ކަމަށެވެ. އަދި މިކަން ކުރަން ޖެހެނީ ފުލުހުންނަށް ޓެރަރިޒަމް ހުއްޓުވުމަށް އެކަށީގެންވާ ބާރު ދިނުމުގެ ގޮތުން ކަމަށާއި ފުލުހުންނަށް ބާރުތައް ދެވިއްޖެ ނަމަ ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާނޫނު އަސާސީން ޑިމޮކްރަޓިކް ގައުމެއްގައި ކުއްލި ހާލަތު އިއުލާން ކުރުމުގެ ފުރުސަތު ދީފައި އޮންނަނީ މިބާވަތުގެ ކަންކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ގާނޫނުތަކަށް އާއްމު ހާލަތުގައި ފަސޭހައިން މީހުން ހައްޔަރު ކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ކުއްލި ނުރައްކާ އިއުލާން ކުރަން ޖެހޭނީ ހަމައެކަނި އުނދަގޫ ހާލަތެއްގައި ނުވަތަ ބޮޑު ކަމެއް މެދުވެރި ވެގެން ކަމަށާއި އަދި ކުއްލި ނުރައްކަލުގެ ދުވަސްތަކުގެ ތެރޭގައި ފުލުހުން ބޭނުންވާ ކަންކަން ފުލުުހުންނަށް ކުރެވޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓެރެރިޒަމް ހުއްޓުވުމަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލައްވާފައި ވާއިރު، ރާއްޖެއަކީ ޓޫރިޒަމްއަށް ބަރޯސާވެފައިވާ ގައުމެއް ކަމުން ޓެރެރިޒަމްއަށް މި ގައުމުގައި ޖާގަ ދެވިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ނޫން ނަމަ މި ގައުމުގެ އިގްތިސޯދު ފުޑިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާޒީގައި ވެދިޔަ ކަންތައްތައް ބަހައްޓާފައިވާ އެންމެ މުހިންމީ ކުރިއަށް އޮތްތަނުގައި މިބާވަގުގެ ކަންކަން ކުރިޔަށް ދިޔަ ނުދާނެ ފަދަ އިންތިޒާމެއް ހަމަޖެއްސުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ޓެރެރިޒަމް ނުހުއްޓުވިއްޖެ ނަމަ ރާއްޖެ ސަލާމަތް ނުކުރެވޭނެ ހިސާބަށް ގޮސްފާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައީސް ނަޝީދަށް މެއި 6 ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ވަނީ ގިނަ ބަޔަކު ހިފާ ހައްޔަރު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭރު ރައީސް ނަޝީދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ފާޑު ކިޔާފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގައި މިހާތަނަށް 840 އަށް ވުރެ ގިނަ ތަންތަން ބަލައި، 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލު ކޮށްފައިވެއެވެ. އަދި މި މައްސަލައިގައި 10 މީހަކު ހައްޔަރު ކޮށްފައިވާ އިރު އޭގެ ތެރެއިން މިހާރު ވެސް ފުލުހުންގެ ބަންދުގައި 6 މީހަކު އެބަ ތިއްބެއެވެ. އަދި އޭގެތެރެއިން 4 މީހެއްގެ މައްސަލަ ޝަރީއަތަށް ވަނީ ފޮނުވާފައެވެ.