ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ ބަޔާނަކަށްވެސް ބަހަކަށްވެސް ދައްކަން އޮތީ ޖާނާއި ހިތާއި މޭ ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނު އަވަހާރަ ކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން ރޭ ބޭއްވި ޕްރެސް ބްރީފިންގައި ރައީސް ނަޝީދުގެ ބަހެއް އަދި ނުލިބޭކަމަށް ފުލުހުން ބުނުމާ ގުޅިގެންނެވެ.

ނަޝީދު ވަނީ "ޝާއިރުން ވިދާޅުވާ ފަދައިން ހިތާއި މޭ ހިބައިން ލިޔެދިނީމައިވެސް ނުވީނޫންތޯ" އައްސަވާ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާ ސުވާލު ކުރައްވާފައެވެ.

ރޭ ބޭއްވި ޕްރެސް ބޮރީފިންގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ މިމައްސަލައިގައި ރައީސް ނަޝީދު އެންމެ ފުރަތަމަ މާލޭގައި ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ތަހުގީގަށް މައުލޫމާތެއް ލިބިދާނެތޯ މުއާމަލާތް ކުރެވުނު ކަމަށާއި ހަމަލާގެ ކުރީކޮޅަށްވެފައި ފަރުވާ ހޯއްދަވަމުން ގެންދަވާތީވެ އެމަނިކުފާނު ވަނީ އެކަމަށް އިއުތިރާޒް ކުރައްވާފައި ކަމަށެވެ.

"އެމަނިކުފާނުގެ ބަހެއް ހޯދަން އަޅުގަނޑުމެން އެދުނިން އަދި މިވަގުތުވެސް ފަރުވާ ހޯދަވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވުމާއިއެކު އަޅުގަނޑުމެންނަށް ކޮންމެހެން ތަހުގީގަށް ބަޔާނެއް ދިނުމަށް ދަތިފުޅުވާ ކަމަށް ވެއްޖެއާ އަޅުގަނޑުމެން އެދިފަ އޮންނާނެ ސިޓީ އަކުން ނުވަތަ އީމެއިލް އަކުން ނަމަވެސް އެމަނިކުފާނުގެ ބަހެއް ހޯދުމަށް"
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިހާތަނަށް 840 އަށް ވުރެ ގިނަ ތަންތަން ބަލައި، 200 އަށް ވުރެ ގިނަ މީހުންނާ ބައްދަލު ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި 10 މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން މިހާރުވެސް ޕޮލިހުންގެ ބަންދުގައި 6 މީހަކު ތިބިކަމަށް ވަނީ ބުނެފައެވެ. އަދި 4 މީހެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވާ ކަމަށައި، އެ 4 މީހުން ތިބީ ޝަތީއަތް ނިމެންދެން ބަންދުކޮށްފައި ކަމަށްވެސް ބުނެއެވެ.

ރިޔާޒު ވިދާޅުވީ ހަމަލާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އަދިވެސް ބަލަމުން ދާ ކަމަށާއި ތަހުގީގު ނުނިމޭ ކަމަށެވެ.

މެއި 6 ގައި ހަމަލާ ދިން މީހުން، ނަޝީދު އަވަހާރަ ކޮށްލަން 3 ފަހަރެއްގެ މަތިން މަސައްކަތް ކުރި ކަމަށް ރޭ ފުލުހުން ހާމަ ކުރި އިރު، އެ 3 ފަހަރުވެސް ހަމަލާދޭން ރޭވީ އައިއީޑީއެއް ގޮއްވާލައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ހާލަތާއި ވަގުތު ތަން ނުދިނުމުގެ ސަބަބުން އެކަން ނުކުރެވި ދިޔައީ ކަމަށާއި މެއި 6 ގައި ހަމަލާ ދިނީ ދުރާލާ ރާވައިގެން ކަމަށެވެ.

ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދަވަން މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ