އަވަށްޓެރި އިންޑިއާގެ ހުޅަނގުގެ ސަރަހައްދުތަކަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލި، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 130 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، ގިނަ އަދަދެއްގެ ބަޔަކަށް ވީ ނުވީ އެއް ނޭނގި، ގެއްލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. ރެސްކިއު މިޝަންތަކުން މިހާރުވެސް ދަނީ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

ހާލުގައި ޖެހިފައި ވާ ސަރަހައްދުތަކުން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.

މި ދުވަސްވަރަކީ އިނޑިއާގެ އައްސޭރި ފަށުގެ ސަރަހައްދު ތަކަށް ރެކޯޑް މިންވަރަކަށް ވާރޭ ވެހެމުންދާ ދުވަސްވަރެއް ކަމަށް ހަބަރު ލިބެއެވެ.

މި ދުވަސްވަރު އާދަޔާ ހިލާފު ގަދައަށް ވިއްސާރަ ކުރަމުން ދިއުމުގެ ފަހަތުގައި އެތައް ސަބަބެއް ވާ ކަމަށް މޫސުމީ ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް އެންމެ ބޮޑު އެއް ސަބަބަކީ މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވުން ކަމަށާ، މި ކަމަކީ ގަދަ ވިއްސާރައަށް މަގު ފަހި ކުރާ ސަބަބެއް ކަމަށްވެސް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.

ގަދަ ވިއްސާރައިގެ އަސަރު، ވިލާތު ބައްރުގެ އިތުރުން ޗައިނާގެ އެކި ހިސާބުތަކަށްވެސް ހުސްވި ހަފުތާތަކުގައި ވަނީ ކޮށްފައެވެ. މި ގައުމުތަކުންވެސް ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ގެއްލި، މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވާ ދުވަސްވަރަކީ، އިންޑިއާއަށް މޫސުމީ ވިއްސާރަ ކުރާ ދުވަސްވަރެކެވެ.