ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު 6 ވަނަ ދުވަހު ދިން ހަމަލާ އާ ގުޅިގެން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުން ހަދަން ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ 10 މީހުންގެ ތެރެއިން ބައެއް މީހުން މިހާރު އިއުތިރާފުގެ އެއްބަސްވުމަކަށް ވާހަކަަދައްކަމުންދާ ކަމަށެވެ. އެއީ ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ކޮންބައެއް ކަމެއް ޕީޖީ ޝަމީމް ހާމައެއް ނުކުރެއެވެ.

"މި މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބައެއް މީހުން އިއުތިރާފްގެ އެއްބަސްވުން ހަދަން އަޅުގަނޑުމެންނާ ވާހަކަދައްކަމުން އެބަދޭ،"
ޝަމީމް

ޝަމީމް މިފަދައިން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން މިހާރު ބާއްވަމުން ގެންދާ ޕްރެސް ބްރީފިންގައެވެ.

މޭ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންނަކީ:

  • ހިޔާ، ވ. ތިނަދޫ، އަދުހަމް އަހުމަދު ރަޝީދު
  • މއ. ފޭރުގެ، މުޖާޒު އަހުމަދު
  • ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު
  • ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު
  • ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް
  • ކ. މާލެ، ކުދެހިގެ، އިސްހާގު
  • ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ
  • އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
  • ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލި މަނިކު
  • ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

ޝަމީމް ވިދާޅުވީ އަދި އިއުތިރާފްގެ އެއްބަސްވުމުގައި ދައުލަތުން ގޮތެއް ނުނިންމާ ކަމަށެވެ. އަދި ގޮތެއް ނިންމާނީ ދިރާސާކުރުމަށްފަހު އެމީހުންގެ ފަރާތުން ލިބެނީ ކިހާ މުހިންމު މައުލޫމަތެއްތޯ އާއި ހަމަލާގެ އަސްލަށް ވާސިލުވާން ލިބެނީ ކިހާބޮޑު އެހީތެރިކަމެއްތޯ ބެލުމަށް ފަހުކަމަށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އިއުތިރާފްގެ އެއްބަސްވުމުގައި ދިރާސާކުރުމަށް ފަހު، ދެން އޮންނަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާ ކުރައްވާނެކަމަށެވެ.

މި ބްރީފިންގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ބައިވެރިވެ ވަޑައިގަންނަވައެވެ.