ދައުލަތުން ފޯރުކޮށްދޭ ރަސްމީގެކޮޅުގެ ގޮތުގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ރެހެންދި އެޕާޓްމަންޓް ކޮމްޕެލްކްސް އިން އެޕާޓްމަންޓެއް ވަގުތީ ގޮތުން ހަމަޖެއްސުމަށް ނިންމައިފިއެވެ.
މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅެއް ހަމަޖައްސަދިނުމަށް ރައީސް ނިންމާފައި މިވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.
މިހާތަނަށް މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލަ ގެކޮޅުގައެވެ.
މުރައިދޫގެ އެންމެ ފަހުން ބޭނުން ކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އެންމެ ދޮށީ ދެބޭފުޅުން ދިރިއުޅުއްވުމަށެވެ. ރެހެންދި ފްލެޓުން އުއްތަމަ ފަނޑިޔާރަށް ހަމަޖައްސާ އެޕާޓްމަންޓަކީ ޔާމީންގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ ރަސްމީ ގެކޮޅުގެ ގޮތުގައި ބޭނުންކުރެއްވި ފްލެޓެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސަން މަޖިލީހުގެ ދެ ގާނޫނަކަށް ބަދަލު ގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.
6 މެއި ގެ ހަމަލާއަށް ފަހު ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް މިހާރު ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ރައީސް ނަޝީދު އިނގިރޭސިވިލާތައް ވަޑައިގަތީ އެމަނިކުފާނަށް ފަރުވާދެއްވި ޖަރުމަނުގެ ބާލިން ބުންޑެސްވެއާ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ.