ވަގުތީގޮތުން މަސައްކަތް ކުރާނެ 36 ނަރުހަކު ހޯދަން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިއުލާނު ކޮށްފިއެވެ.

އައިޖީއެމްއެޗް އިން އިއްޔެ ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން އެ އަދަދަށް ނަރުހުން ހޯދަނީ ކޮވިޑަށް ޕޮޒިޓިވް ވާ ފަރާތްތަކަށް ހާއްސަކޮށްފައި ވާ ފެސިލިޓީ، ހުޅުމާލެ މެޑިކަލް ފެސިލިޓީއާއި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި މަސައްކަތް ކުރުމަށެވެ.

މި 36 ނަރުހުންގެ މުސާރަ އަކަށް ކަނޑައަޅާފައި ވަނީ މަހަކު 9،060 ރުފިޔާއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 188 ރުފިޔާ ވެސް ލިބޭ ގޮތަށް ކަމަށް އެ އިއުލާނުގައި ވެއެވެ.

ހަފްތާއަކު 5 ދުވަހު މަދުވެގެން ދުވާލަކު 8 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ އިރު މި ނަރުހުން މަސައްކަތް ކުރަން ޖެހޭ މުއްދަތަކަށް ކަނޑައަޅާފައި ވަނީ 1 އަހަރެވެ.

ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރާނެ ނަރުހުން ހޯދުމަށް އައިޖީއެމްއެޗް އިން އިއުލާނު ކޮށްފައި ވާއިރު، މީގެ ކުރިން ހެލްތް މިނިސްޓްރީ އަދި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވެސް ވަނީ ގިނަ އަދަދެއްގެ ނަރުހުންނާއި ޑޮކްޓަރުން، ކޮވިޑް ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް ހޯދަން އިއުލާނު ކޮށްފައެވެ.

އަދި ރާއްޖޭގައި ކޮވިޑްގެ އެންމެ ނުރައްކާ ދަނޑިވަޅުގައި ވެސް ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރުމަށް ނަރުހުންނާއި ޑޮކްޓަރުން ބޭނުންވާތީ، ނަރުހުންނާއި ޑޮކްޓަރުން ހޯދަން އިއުލާނު ކުރިއެވެ. އެ އިއުލާނުތަކާ ގުޅިގެން ނަރުހުންނާއި ޑޮކްޓަރުން ލިބުނު ކަމެއް ނުވަތަ ނުލިބޭ ކަމެއް ކަމާބެހޭ އިދާރާއަކުން ހާމައެއް ނުކުރެއެވެ.