އެމެރިކާގެ ރިޔާސީ އިދާރާ ވައިޓްހައުސްއާ މާ ދުރު ނޫން ހިސާބެއްގައި، ހަތިޔާރު އަޅައިގެން ހުރި މީހަކު، ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

ވޮޝިންގްޓަން ޑީސީގައި މި ހަމަލާ ދީފައި ވަނީ ރެސްޓޯރަންޓެއްގެ ބޭރުގައި ކަމަށް ވާއިރު، މި ރެސްޓޯރަންޓް ހުންނަނީ ވައިޓްހައުސް އެންމެ 1.5 ކިލޯމީޓަރު ދުރުގައި ކަން ފާހަގަ ކުރަން ޖެހެއެވެ.

ހަތިޔާރު ހިފައިގެން ހުރި މީހާ، 20 ފަހަރެއްގެ މަތިން ބަޑި ޖެހި ކަމަށާ، ރެސްޓޯރަންޓްގެ ބޭރުގައި ކާން ތިބި މީހުން ފިލަން ދުވި ކަމަށް މައުލޫމާތު ލިބެއެވެ.

މަންޒަރު ދުށް މީހަކު ބުނީ ހަމަލާ ދިނުމަށް ފަހު ކާރަކަށް އަރައިގެން ދުއްވާފައި ދިޔައީ ކަމަށެވެ.

އެމެރިކާގައި ހިންގާ ޖިނާއީ ކުށްތައް ނިސްބަތުން މަދުވި ނަމަވެސް ބަޑީގެ ހަމަލާތައް ދޭ މިންވަރު ދަނީ އިތުރު ވަމުންނެވެ. 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ނިސްބަތް އަންނަނީ އިތުރު ވަމުންނެވެ. މި އަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު އެކަނިވެސް، ބަޑީގެ ހަމަލާތަކާ ގުޅޭ 471 ކޭހެއް ވަނީ ރެކޯޑް ކޮށްފައެވެ. މިދިޔަ އަހަރުގެ މިހާ ހިސާބަށް އާދެވުނު އިރު ރެކޯޑް ކޮށްފައި ވަނީ 434 ކޭހެކެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ގައުމުގައި ބަޑި ގެންގުޅުމުގެ އުސޫލުތައް ހަރުކަށި ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބަޑި ވިއްކާއިރު މިހާގެ ވަނަވަރު ވަޒަންކޮށް ވިލަރެސްކުރުން މިހާރަށް ވުރެ ހަރުދަނާ ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.