ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް، މަސްވެރި ކަން ކުރިއެރުވުމަށް މަސްވެރިިންގެ ސިޔާސީ ޕާޓީއެއް އުފެއްދަން މަސައްކަތް ކުރާކަމަށް ކެޔޮޅަކު ބުނެފިއެވެ.

"ހަމްދު-6" ދޯނީގެ ކެޔޮޅު އަބްދުﷲ ރަޝީދު ބުނީ މަސްވެރިންގެ ސިޔާސީ ޕާޓީއެއް އުފައްދުމަށް ކުރަންޖެހޭ މަސަކަތް ކުރަމުންދާ ކަމަށާއި އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ޕާޓީ އެފެދިގެން ދާނެ ކަމަށް ބެލެވޭ ކަމަށެވެ. މަސްވެރިންގެ ސިޔާސީ ޕާޓިއެއް އުފައްދަން އަބްދުﷲ ރަޝީދު ނިންމާފައި ވަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ ބޭނުމުގައެވެ.

ހަމައެއާއެކު އެ ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށްވެސް އަބްދުﷲ ރަޝީދު ބުނެފައި ވެއެވެ. އެގޮތުން އެ ޕާތީން ނެރޭނީ ކިޔަވައިގެން ހުރި ގާބިލް މީހެއް ކަމަށާއި މަސްވެރިކަމުގެ ތެރޭގައި ވެސް މަތީ ތައުލީމް ހާސިލްކޮށްގެން ތިބި މީހުން އެބަތިބި ކަމަށް އޭނާ ބުނެއެވެ.

އަބްދުﷲ ރަޝީދު ބުނީ، މަސްވެރިކަމަކީ އެންމެ ގިނަ ދިވެހިން މަސައްކަތް ކުރާ އެއް ދާއިރާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރަން ބޭނުންވާ މެޖޯރިޓީ ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.