އެމެރިކާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ގެނބުމަކީ ގަސްތަކާ ނުލާ ދެވޭ އަނިޔާގައި، އުމުރުން 1 އަހަރާއި 19 އަހަރާއި ދެމެދު ކުދިންނާއި ޅަ ޒުވާނުން މަރުވާ އެންމެ ބޮޑު ސަބަބެކެވެ. މީގެ ތެރެއިންވެސް ބައެއް ކުދިންނަކީ، އެހެން ކުދިންނާ އަޅާ ބަލާއިރު ގެނބުމުގެ ފުރުސަތު، ވަކިން ބޮޑު ކުދިންތަކެއްކަން ދާދި ފަހުން ކުރި ދިރާސާއަކުން ވަނީ ދައްކާފައެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސްއިން އާންމު ކުރި ޖުލައި ރިޕޯޓްގައި ވާ ގޮތުން، އުމުރުން 15 އަހަރާއި 19 އަހަރާ ދެމެދުގެ ފިރިހެން ކުދިންނާއި ޅަ ޒުވާނުންނަކީ، އެހެން ކުދިންނާ އަޅާ ބަލާއިރު، ގެނބުމުގެ ފުރުސަތު، 10 ގުނަ އިތުރު ބައެކެވެ.

މިކަން މިހެން މެދުވެރި ވެދާނެ ގިނަ ސަބަބުތަކެއް ހުރި ކަން، ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި، އަންހެން ކުދިންނާ އަޅާ ބަލާއިރު، ފެތުމުގެ ސްޓަންޓްތައް ޖެއްސުމުގައި ފިރިހެން ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުވުން ނުވަތަ އެކި ކަހަލަ މަސްތުކުރަނިވި މާއްދާތަކުގެ އަވާގައި ޖެހެވުން ފަދަ ސަބަބުތައް ހިމެނެއެވެ.

ފަތާ ފެންގަނޑެއްގެ ތެރޭގައި ކުޑަކުދިންތަކެއް ކުޅެނީ / ފޮޓޯ: ގްރިސްޓް

ސިއޭޓަލް ޗިލްޑްރަންސް ހޮސްޕިޓަލްގެ ޕީޑިއަޓްރިކް އެމާޖެންސީ މެޑިސިން ފިޒީޝަން އަދި ދިރާސާގެ މުސައްނިފު، ޑރ ލިންޑާ ކުއާން ވިދާޅުވީ، ފަތާ ފެންގަޑެއްގެ ކައިރިއަށް ގޮސް ބަލާލުމުން، ފެނު ތެރޭގައި ތިބި މީހުންގެ ޖިންސީ ފަރަގު ފާހަގަ ކުރެވޭނެ ކަމަށެވެ.

އެމެރިކާގެ ރިޕޯޓް ބުނާ ގޮތުގައި، ކުޑަކުދިންނާއި ފުރާވަރު އުމުރުގެ ކުދިންގެ ތެރެއިން ގެނބިގެން މަރުވާ ރޭޓަށް ބަލާއިރު، 75 ޕަސެންޓް ހިއްސާ ކުރަނީ ފިރިހެން ކުދިންނެވެ.

އެމެރިކާގެ އާބާދީ ބެހިފައި ވާ ގޮތަށް ބަލާއިރު، ފަތާ ފެންގަނޑުތަކުގައި، ކަޅު ނަސްލުގެ ފިރިހެން ކުދިން ގެނބިގެން މަރުވުމުގެ ފުރުސަތު ބޮޑު ކަންވެސް ވަނީ ހާމަވެފައެވެ.

އިޖިތިމާއީ އަދި އިގުތިސޯދީ ފުދުންތެރި ކަމަށް ބަލާއިރު ނިކަމެތި އަވަށްތަކުގައި ވަސީލަތްތައް މަދު ކަމަށާ، މިކަންކަމަކީ ރިއާޔަތް ކުރެވެން ޖެހޭނެ ކަމެއް ކަމަށް ޑރ ކުއާން ވަނީ ފާހަގަ ކުރައްވާފައެވެ.

ކުޑަކުއްޖަކު ސްވިމިންގް ޕޫލެއް ކައިރީގައި މަޖާ ކުރަނީ / ފޮޓޯ: ރެޑް ޓްރައިސިކަލް

މުޖުތަމައުގެ ހުރިހާ އެންމަނަކީވެސް ފެނުގެ ކުޅިވަރުތައް ކުޅެވޭނެ ފުރުސަތު ފަހި ވެފައި ވާ ބަޔަކަށް ވާންޖެހޭ ކަމަށާ، ސްކޫލް އުމުރު ފުރާގެ ކުދިންނަކީ ފެތުމުގެ އިމްތިހާނަކުން ފާސް ވާން ޖެހޭނެ ބައެއް ކަމަށްވެސް ޑރ ކުއާން ވަނީ ފާހަގަ ކުރައްވާފައެވެ.

ރިޕޯޓްގެ އިތުރު ހޯދުންތަކަށް ބަލާއިރު އުމުރުން 1-4 އަހަރާ ދެމެދުގެ ކުދިންނަށް ގަސްތަކާ ނުލާ ދެވޭ އަނިޔާގައި މި ދުނިޔެއާ ވަކިވެދާ އެންމެ ބޮޑު ސަބަބަކީވެސް ގެނބުމެވެ. ތުއްތު ކުދިންނަށް ބަލާއިރު، ގެނބުމުގެ ހާދިސާތައް އެންމެ ގިނައިން ހިނގާފައި ހުންނަނީ ބާތު ޓަބު ނުވަތަ ބޮޑެތި ފެން ބާލިދީ ފަދަ ތަކެތީގެ ތެރޭގައެވެ.

އުމުރުން 2 އަހަރުން ދަށުގެ ކުދިން ބެލުމާ ހަވާލުވެ ތިބި މީހުންގެ 30 ޕަސެންޓް މީހުން ވަނީ، 1 – 5 މިނެޓާ ދެމެދު ވަގުތަކަށް، އެކުދިންނަށް ސީދާ ސަމާލުކަން ނުދީ އެކަނި ދޫކޮށްލާ ކަމަށް އިއުތިރާފުވެފައެވެ. މި ކަމާ ގުޅިގެން ޑރ ކުއާން ވިދާޅުވީ، ކުޑަކުދިންނަކީ އަބަދުވެސް ބަލަހައްޓަން ޖެހޭ ބައެއް ކަމަށާ، އެ ކުދިންނަކީ ގެނބެން ދާ ދަނޑިވަޅެއްގައި އެކަމުން ދިފާއު ހޯދަން އެނގޭނެ ބައެއް ނޫން ކަމަށެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސް ވަނީ، ފެނުގެ ހަރަކާތްތަކާ ގުޅޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރުމަށް އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ފެނާ ކުޅުމަށް ކުޑަކުދިން އެކަނި ދޫކޮށް ނުލުމަށާ، ގޭގައި ޕޫލެއް އޮންނަ ނަމަ، އެންމެ ތިރި ވެގެން 4 ފޫޓުގެ ފެންސެއް، ޕޫލް ވަށައިގެން ޖެހުމަށް އިރުޝާދު ދީފައި ވެއެވެ. އަދި ފެނަށް އެރިގެން އުޅޭ ހުރިހާ ވަގުތެއްގައި، ކުޑަކުދިން ލައިފް ޖެކެޓް އެޅުވުމަށްވެސް އިރުޝާދު ދީފައިވެއެވެ.