ދ. އަތޮޅުގެ ދެ ރިސޯޓެއްގައި ފަތުރުވެރިއަކާއި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ، ޔުކްރެއިންގެ އުމުރުން 32 އަހަރުގެ ފިރިހެނަކު މޫދަށް އެރިގެން އުޅެނިކޮށް މަރުވެފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެ ހާދިސާ ހިންގާފައި ވަނީ ދ. ރިއު ޕަލެސް މޯލްޑިވްސްގައި ކަން ވަނީ އެނގިފައެވެ.
ހަމައެއާއެކު ދ. އަތޮޅުގެ ރިސޯޓެއްގައި އާއިލާއާ އެކު ޗުއްޓީ ހޭދަ ކުރަމުން ދިޔަ ރަޝިއާގެ ފަސް އަހަރުގެ ކުއްޖަކު ވެސް އިއްޔެ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުއްޖާ މަރުވީ، ސްވިމިންޕޫލަށް އެރި އުޅެނިކޮށް ގެނބިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެ ކުއްޖާއަށް ފަރުވާ ދިނުމަށް ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މިހާރު ކުއްޖާގެ ހަށިގަނޑު އޮތީ މޯޗަރީގައެވެ. މި ހާދިސާ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަދި މި ހާދިސާ ހިނގީ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރި ނަމަވެސް އެ ހާދިސާ ހިނގާފައި ވަނީ ވިލުރީފް ރިސޯޓުގައިކަން ވަނީ އެނގިފައެވެ.