ކޮވިޑުން ދިފާއުވުމަށް ޗައިނާއިން ތަރައްގީ ކޮށްފައި ވާ ސީނޯވެކް ކޮވިޑް ވެކްސިން، އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނަށް ބޭނުން ކުރެވޭ ގޮތަށް، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން، އެމާޖެންސީ ޔޫޒް ހުއްދަ ދޫކޮށްފިއެވެ.
އުމުރުން 3 އަހަރުން މަތީގެ ކުދިންނަށް ސީނޯވެކް ކޮވިޑް ވެކްސިން ޖެހޭނެ ކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން އެމާޖެންސީ ޔޫޒް އޮތޮރައިޒޭޝަން ދޫކޮށްފައި ވަނީ، މި އުމުރު ފުރާގެ ކުދިންގެ ހަށިގަނޑުގައި ވެކްސިންގެ ކާމިޔާބީ ޓެސްޓު ކުރުމަށް ކުރި މަސައްކަތުން ހޯދުނު ހޯދުންތަކަށް ރިއާޔަތް ކޮށެވެ.
ކުލިނިކަލް ޓްރަޔަލްގެ 2 ވަނަ މަރުހަލާގެ ހޯދުންތަކުން ދައްކާ ގޮތުގައި، އުމުރުން 3-17 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންގެ ހަށިގަނޑުގައި އެންޓިބޮޑީޒް އުފެއްދުމުގައި ސީނޯވެކް ކޮވިޑް ވެކްސިނަކީ 98.9 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ. ވެކްސިންގެ ޑޯޒަށް ބަލާއިރު، މި އުމުރުފުރާއަށް ސީނޯވެކް ކޮވިޑް ވެކްސިނަކީ، 98.9 ޕަސެންޓާއި 100 ޕަސެންޓާ ދެމެދު މިންވަރަކަށް ކާމިޔާބު ވެކްސިނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ނަތީޖާއަކީ 18 އަހަރުން މަތީގެ އާބާދީއަށް ވުރެ ކާމިޔާބު ބޮޑު ކަމަށް ދައްކާ ނަތީޖާއެކެވެ. ސީނޯވެކްއިން ވަނީ، މި ކޮވިޑް ވެކްސިނަކީ ކުޑަކުދިންގެ ހަށިގަނޑުގައި ކާމިޔާބު ނަތީޖާތަކެއް ނެރެނިވި ވެކްސިނެއް ކަމަށް ބުނެފައެވެ.
އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ސީނޯވެކް ކޮވިޑް ވެކްސިން ޖެހުމުގެ އެމާޖެންސީ އޮތޮރައިޒޭޝަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދޫކުރީ މި އަހަރުގެ ޖޫން މަހޖުގެ ތެރޭގައެވެ.
ކަން މިހެން އޮތް އިރު، ޗައިނާގައި މިހާރުވެސް ދަނީ އުމުރުން އެންމެ 15 އަހަރުގެ ކުދިންނަށްވެސް ކޮވިޑް ވެކްސިން ޖަހަމުންނެވެ.