މިފަދަ ދަތި އުދަނގޫ އަދި ބޮޑު ސިއްހީ ބިރުވެރިކަމަކަށް (ކޮވިޑްގެ ބަލިމަޑުކަން) ރައްޔިތުންގެ ދިރިއުޅުން ވެއްޓިފައި ވާއިރު އަދި މިފަދަ ސިއްހީ ނުރައްކާތެރި ހާލަތެއްގައި ސިޔާސީ ހިޔާލު ތަފާތުވުން ތަކާ ދުރުގައި ތިބުން މާ ރަނގަޅުވާނެ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިފަދައިން ވިދާޅުވީ ވެރިކަން ކުރާ އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގައި ބާރުގެ ވާދައެއް އުފެދި ކޯޅުން ބޮޑުވެފައި ވާ ކަމަށް އިޝާރާތް ކުރައްވައެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ޝަރީފް ވިދާޅުވީ، ގައުމާއި ރައްޔިތުންނަށް މިފަދަ ދަނޑިވަޅެއްގައި އެންމެ ރަނގަޅު ވާނީ ސިޔާސީ ބައިބައިވުންތައް ނެތުމާއި ބާރުގެ ވާދަތަކާއި ކޯޅުންތައް ނެތުން ކަމަށެވެ.

ރާއްޖެއަށް ވެސް ކުރިމަތިވެފައި ވަނީ ހަގީގީ ދަތި ދުވަސްވަރެއް ކަމަށާއި ބަލިމަޑުކަމުގެ ހާލަތު މެނޭޖު ކުރުމުގެ އިތުރުން، ރައްޔިތުންނަށް އާމްދަނީއަށް އަސަރު ކޮށްފައިވާ މި ދަނޑިވަޅުގައި ކާބޯތަކެތި ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ވެސް ރައްޔިތުންނަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.

އެމްޑީޕީ ތެރޭގައި ބައިބައިވުން އުފެދި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވަނީ ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލައްވާފައެވެ.

ނަޝީދު މިހާރު އެންމެ ބޮޑަށް ނުރުހުން ފާޅުކުރައްވާ ކަމަކީ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްނުކުރުމެވެ.

ބިލު އޮތް ގޮތަށް ފާސްކުުރުމަށް ނަޝީދު ލޮބީ ކުރައްވާއިރު އެ ބިލުގައި އެބިލާ މެދު އާންމުންގެ ގިޔަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮސް ބިލު ފާސްނުކުރުމަށް ގޮވާލާފައެވެ. އެ ބިލުން ނަފްރަތު އިތުރުވެގެން ގޮސް ދިވެހިންގެ ތެރޭގައި ބައިބައިވުން ބޮޑުވެ ހަމަނުޖެހުން އުފެދިގެންދާނެކަމަށް ގިނަ ބަޔަކު ދެކެވެ.

ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްއާރުއެމް ވެސް އެ ބިލާ ދެކޮޅެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ގިނަ މެންބަރުން ވެސް ބިލަށް ގިނަ އިސްލާހުތަކެއް ގެންނަން އެދޭއިރު، ޖުޑިޝަރީ ކޮމިޓީން އެ އިސްލާހުތައް ނުގެނައުމުންނާއި މަޝްވަރާގެ މަރުހަލާ ފުޅާނުކޮށް ގެންދިއުމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ އަޣުލަބިއްޔަތުން ނިންމީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.