ވިއްސަކަށް އަހަރު ވަންދެން އަފްގާނިސްތާނުގައި ކުރަމުން ދިޔަ ހަނގުރާމަ ކޮޅެއްގައި ނުޖެހި ނިންމާލުމަށް ފަހު، އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ބޭލުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމުގެ އިންޒާރު، އަފްގާނިސްތާނު ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރިގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ދެއްވައިފިއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ ފައުޖުތަކާ ނޭޓޯގެ ސިފައިން ހަލުވި ދުވެލީގައި އަފްގާނިސްތާނުން ފައިބަމުން ދާއިރު، މިކަމުގެ ނަތިޖާއަކަށް ވާނީ، ހަރުކަށި ތޯލިބާނުންގެ ވެރިކަމެއް އަފްގާނިސްތާނަށް އެނބުރި އައުން ކަމަށް ބުޝް ވަނީ އިންޒާރު ކުރައްވާފައެވެ.

ޖަރުމަނުވިލާތުގެ ނޫހަކުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ބުޝް ވަނީ، އެމެރިކާ ސިފައިން އަފްގާނިސްތާނުން ބޭލުމަކީ ހެދޭ ގޯހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ސިފައިން ފޭބުމާއެކު ތޯލިބާނުންގެ ހަރުކަށި ވެރިކަން އަފްގާނިސްތާނަށް ފެތުރި، އަންހެނުންނާއި އަންހެން ކުދިންނަށް ހިތްދަތިކަމާ ކުރިމަތިލާން ޖެހުމުގެ ނުރައްކާ އެބައޮތް ކަމަށްވެސް ބުޝް ވަނީ އިންޒާރު ކުރައްވާފައެވެ.

އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްގާނިސްތާނަށް އެރީ ޓެރަރިސްޓުންކަމަށް ވާ އަލްގައިދާއާއި ތޯލިބާނުން ބަލި ކުރުމަށް ކަމަށް ބުނެއެވެ. އެއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު އެމެރިކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއާ ގުޅިގެންނެވެ. އެ ހަނގުރާމަ ކޮޅެއްގައި ނުޖެހި ކުރަމުން އަންނަތާ ވިއްސަކަށް އަހަރު ވާން ދާއިރު، އެމެރިކާގެ އަދުގެ ރައީސް ޖޯ ބައިޑަން ވަނީ އޯގަސްޓް 31، 2021 ގެ ނިޔަލަށް އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ބާލާ ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.