އިންޑިއަން ކައުންސިލް ފޮ ކަލްޗަރަލް ރިލޭޝަންސްގެ ސްކޮލާޝިޕް ސްކީމް މެދުވެރިކޮށް ތައުލީމް ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން 10 ދައިވަރުން ފޯމު ހުށަހަޅާފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެފިއެވެ.
ކޮންމެ އަހަރަކު ވެސް އިންޑިއާ ސަރުކާރުން ދިވެހި ދަރިވަރުންނަށް ފޯރުކޮށްދެމުން އަންނަ މި ސްކޮލާޝިޕް ގައި 2021 އިން 2022 އަށް ހުޅުވާލި ފުރުސަތުގައި 10 ދަރުވަރަކު ވަނީ ފޯމް ހުށަހަޅާފައެވެ. އިންޑީއާ ހައިކޮމިޝަނުން ބުނީ އެ ދަރިވަރުންގެ ފޯމް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
މި ސްކޮލާޝިޕް މެދުވެރިކޮށް ކޮންމެ އަހަރަކު ވެސް އިންޑިއާގެ ޔުނިވާސިޓީތަކުން އަންޑާ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް، މާސްޓާޒް އަދި ޕީއެޗްޑީ ފެންވަރުގެ ކޯސް ތަކުގައި ބައިވެރިވެވޭ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. އަދި މި ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނީ އެ ޔުނިވާސިޓީތަކަށް ފޯމް ހުށަހަޅާ ދަރިވަރުންގެ ތައުލީމީ ފެންވަރު ވަޒަން ކުރުމަށް ފަހުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ
ކޮންމެ އަހަރަކު ވެސް 39 ދަރިވަރުންނަށް މި ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދެއެވެ. އިންޑިއާގެ ފަރާތުން މި ސްކޮލާޝިޕްއާ ގުޅޭ ކަންކަން ބަލަހައްޓަނީ މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުންނެވެ. ދިވެހި ދަރިވަރުން ހުށަހަޅާ ފޯމްތައް ޕްރޮސެސް ކުރަނީ މި ސެންޓަރާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަންއާ ގުޅިގެންނެވެ.
އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމަޝަނަރު ސަންޖޭ ސުދިރް ވަނީ މި މަހުގެ 14 ވަނަ ދުވަހު، 2020–2021 ގެ ސްކޮލާޝިޕް ލިބިފައިވާ އަބޫބަކުރު ލުތުފީ އަދި އަލާއު އަދުނާން އާ ބައްދަލު ކުރައްވާފައެވެ. އަބޫބަކުރު ލުތުފީ އަކީ ކާލިކަޓް ޔުނިވާސިޓީން އެމްބީއޭ ފުރިހަމަ ކުރަމުންދާ ދަރިވަރެކެވެ. އަދި އަލާއު އަކީ ދިއްލީ ޔުނިވާސިޓީން އިކޮނޮމިކްސްގެ ދާއިރާއިން ބެޗެލާޒް ޑިގްރީއެއް ފުރިހަމަ ކުރަމުންދާ ދަރިވަރެކެވެ.
ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުގެ ސަބަބުން މި ދަރިވަރުން އެއްއަހަރު ދުވަހު ތައުލީމު ހާސިލުކޮށްފައި ވަނީ އޮންލައިންކޮށެވެ. މީގެ އިތުރުން އެހެން ދަރިވަރެއް ކަމަށްވާ އާއިޝަތު ރަޝީދާ ވަނީ މިދިޔަ އަހަރު ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ އާ ގުޅިފައި ކަމަށާއި އަދި ފާތިމަތު ތީބާ ވަނީ ބަޔޯޓެކްނޮލޮޖީގެ ރޮނގުން ތައުލީމު ހާސިލު ކުރުމަށް ޕޫނޭއަށް ދިއުމަށް ހަމަޖެހިފައި ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.