އަޞްހާ އީދަކީ ރާއްޖޭގެ ރަށްތަކުގައި ވަރަށް ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ވެސް ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުމާއި މެންދުރުގެ ކެއުން، ބޮޑު ޖާފަތުގައި ރަށްރަށުގެ ހުރިހާ ރައްޔިތުން އެކުވެގެން ކެއުމާއި ހަވީރު މާލި ނެރުމާއި ސަގާފީ ކުޅިވަރުތައް ކުޅުމާއި ކުލަޖެހުން ފަދަ ހަރަކާތްތަކަކީ ވަރަށް ފޯރިއާއެކު ކުރިޔަށްގެންދާ ހަރަކާތް ތަކެކެވެ.
ނަމަވެސް މިއަހަރުގެ އަޟްހާ އީދު އަހަރުމެންނާ ބައްދަލު މި ކުރަނީ މުޅިން ތަފާތު ދުވަސްވަރެއްގައެވެ. ދޮޅު އަހަރުވެގެން ދިޔައިރު ވެސް ކޮވިޑްގެ ބަލިމަޑުކަމުން އަރައި ގަނެވިފައި ނުވާއިރު، މިފަހަރުގެ އަޟްހާ އީދު ވެގެން ދާނީ މި ބަލިމަޑުކަމުގައި ބައްދަލުކުރާ 2 ވަނަ އަޟްހާ އީދުގެ ގޮތުގައެވެ.
ހައްޖުގެ މަތިވެރި އަޅުމަކަށް ފަހު ބައްދަލުކުރާ އަޟްހާ އީދަކީ ދިވެހިން ވަރަށް ކުލަ ގަދަކޮށް ފާހަގަކުރާ ދުވަހެއް ކަމުގައި ވީ ނަމަވެސް މިއަހަރު މި ދުވަސް ފާހަގަކުރުން އޮތީ ކުދިކުދި އާއިލާތަކުގެ މެދުގައޭ ބުނުމަކުން ގޯހެއް ނުވާނެއެވެ. އެހެނީ މިއަހަރުގެ އަޟްހާ އީދު އަހަރުމެންނާ ބައްދަލުވެފައި މިވަނީ ކޮވިޑްގެ ބޮޑު ރާޅެއް ކުރިމަތިވުމަށް ފަހު އެކަމުން އަރައިގަނެވުނުތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. އެހެންކަމުން އެފަދަ ރާޅެއް ދެން އަޔަ ނުދިނުމަށް ޓަކައި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ގިނަ މީހުން އެއްވެ އުޅޭފަދަ ކުޅިވަރުތައް ނުބޭއްވުމަށް އަންގާފައެވެ.
ކޮވިޑްގެ ރާޅަށް ފަހު ދިން ލުއިތަކާ ގުޅިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކުން ނެގެޓިވް ޕީސީއާރު ޓެސްޓާއެކު އީދަށް އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކޮށްފައި ވާނީ ފޯރިގަދަކޮށް އީދު ފާހަގަކޮށްލެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ. އެހެން ނަމަވެސް އެޗްޕީއޭ އިން ނެރުނުު ސާކިއުލާއާ ގުޅިގެން ގިނަ ރަށްރަށުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުތައް ވަނީ ކެންސަލް ކޮށްފައެވެ.
އެގޮތުން އެންމެ ފޯރިގަދަކޮށް ހަރަކާތްތައް ކުރިޔަށް ގެންދާ އެއް ސިޓީ ކަމަށްވާ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ އެޗްޕީއޭ އިން ސާކިއުލާ ފޮނުވުމުގެ ކުރިން އީދުގައި ކުރިޔަށް ގެންދިއުމަށް ވަރަށް ގިނަ ކުޅިވަރުތައް ރޭވި ކަމަށެވެ. އެހެން ނަމަވެސް ސާކިއުލާއާ ގުޅިގެން މިހާރު ހުރިހާ ހަރަކާތްތަކެއް ވެސް ކެންސަލް ކޮށްފައިވާ ކަމަށް އާތިފް ވިދާޅުވެފައި ވެއެވެ.
އާތިފް ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ކުރިޔަށް ގެންދާނެ ކަމަށެވެ. އެހެންނަމަވެސް މަށިމާލި ޕެރޭޑާއި ހިއްޗަށް ދިއުމާއި ވެދުމާ ދިއުން ފަދަ ކުޅިވަރުތައް ކެންސަލް ކޮށްފައިވާ ކަމަށް އާތިފް ވިދާޅުވިއެވެ. އެހެން ނަމަވެސް ބަންދާ ދިމާކޮށް ކުޅުދުއްފުއްޓަށް 600 އެއްހާ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށްވެސް ކައުންސިލުން ބުނެއެވެ.
ކުޅުދުއްފުށީގައި ހަރަކާތްތައް ކެންސަލް ކޮށްފައިވީ ނަމަވެސް ބައެއް ރަށްރަށުގައި އީދުގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ހއ. ތަކަންދޫގައި މާދަމާގެ އީދު ނަމާދަށް ފަހު ކުރިޔަށްގެންދާ ސަޔަށް ތައްޔާރުވުމަށް ގެންދަނީ ރައްޔިތުން ހަރަކާތްތެރި ވަމުންނެވެ. ތަކަންދޫ ކައުސިލްގެ ރައީސް ހުސައިން ނައީމް ވިދާޅުވީ އީދުގައި ހަރަކާތްތައް ކުރިޔަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
ކުޅުދުއްފުށީގެ އިތުރުން ނ. ހޮޅުދޫ އަދި ބ. ކެންދޫގައި ވެސް އީދާ ގުޅިގެން އީދުނަމާދު ކުރުން ފިޔަވައި އެއްވެސް ހަރަކާތެއް ކުރިޔަށް ނުގެންދާ ގޮތަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ގއ. ވިލިނގިއްޔާއި ގދ. ތިނަދޫ މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމުން އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ހަރަކާތްތައް ކުރިޔަކަށް ނުގެންދެވޭނެއެވެ.
ދ. ކުޑަހުވަދޫގައިވެސް އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންގެ ސަބަބުން ހަރަކާތްތައް ކުރިޔަށް ނުގެންދިއުމަށް ނިންމާފައި ވާއިރު ކުޑަހުވަދޫ ކައުންސިލްގެ މެންބަރު އަހުމަދު މައުރޫފް ވިދާޅުވީ އެރަށުގައި ހަމައެކަނި ކުރިޔަށް ގެންދަން ހަމަޖެހިފައި ވަނީ އުޟްހިޔާ ކަތިލުމުގެ ހަރަކާތް އެކަނި ކަމަށެވެ. އަދި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި އީދު ސައި ހެދުންވެސް މި އީދުގައި ނޯންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ އިތުރުން ލ. ފޮނަދޫގައިވެސް އީދުގެ ހަރަކާތްތައް މިފަހަރު ނުބޭއްވުމަށް ނިންމާފައި ވާކަމަށް ކައުންސިލުން ބުނެއެވެ.
އެޗްޕީއޭ އިން ނެރުނު ގައިޑްލައިންގެ ސަބަބުން ގިނަ ރަށްރަށުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހުނު ހަރަކާތްތައް ކެންސަލް ކޮށްފައިވާއިރު އީދު ފާހަގަކުރުމަށް ބޮޑެތި ހުރަސްތަކެއް ވަނީ މެދުވެރިވެފައެވެެ.