ހައްޖުގެ އަޅުކަން ފެށެން ތައްޔާރު ވެފައި ވާއިރު، ކޮވިޑް ވެކްސިން ކާޑުތައް ވަގަށް ހަދާކަމުގެ ތުހުމަތުގައި ސައުދީން 120 މީހަކު ހައްޔަރު ކޮށްފިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު މިއަހަރުގެ ހައްޖު ގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ވަނީ 60،000 މީހުންނަށެވެ. އެއީ ސައުދީގައި ވަޒަންވެރިވެގެން އުޅޭ މީހުންގެ ތެރެއިން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިވާ 60،000 މީހުންނެވެ.

ސައުދީގެ މީޑިއާތަކުން ބުނާ ގޮތުގައި ހައްޖާ ދިމާކޮށް ކޮވިޑް ވެކްސިންގެ ވަގު ކާޑު ގެންގުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެގަމުގެ ސިއްހީ ވުޒާރާގެ 9 އޮފިޝަލަކުވެސް ހިމެނެއެވެ.

ވަގު ކާޑު ގެންގުޅޭ ނުވަތަ އެކަމުގެ ވިޔަފާރި ކުރާ މީހުން އެކަން ކުރަނީ ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށްގެން ކަމަށްވެސް ބުނެއެވެ. އެމީހުން ދޭ ހިދުމަތްތަކުގެ ތެރޭގައި، ކޮވިޑަށް ޕޮޒިޓިވް ވި ތާރީހު ބަދަލު ކުރުމާއި ވެކްސިން ޖެހިތޯ ނޫންތޯ އެނގޭނެ ފާހަގަތަކާއި، އެއް ޑޯޒް ނުވަތަ 2 ޑޯޒްތޯ އެނގެން އޮންނަ އޮތުން ބަދަލު ކުރާ ކަމަށް ބުނެއެވެ.

ވަގު ވެކްސިން ކާޑު ހަދާ ވިޔަފާރީގައި ސައުދީ ރައްޔިތުންގެ 9 މީހަކާއި ސައުދީގައި ދިރިއުޅޭ 12 މީހަކު ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ސައުދީގައި މިހާތަނަށް 21 މިލިއަން ޑޯޒް ވެކްސިން ޖަހާފައި ވާއިރު އިއްޔެ އެގައުމުން ވަނީ 1226 މީހަކު ޕޮޒިޓިވް ވެފައެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު މިއަހަރުގެ ހައްޖުގެ ކަންކަން ސައުދީ ސަރުކާރުން ގެންދަނީ ހަރުކަށި ފިޔަވަޅުތައް އަޅައިގެންނެވެ.