އުރީދޫ މޯލްޑިވްސްއާއި ޕާސަނަލް ކޮމްޕިއުޓާސް ގުޅިގެން ސްކޫލް ކުދިންނަށް ހާއްސަ "ބެކް ޓު ސްކޫލް" ޕްރޮމޯޝަންއެއް މިއަދު އިއުލާން ކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި ޕްރޮމޯޝަން އަކީ ކިޔެވުމާއި ކިޔަވާދިނުން އަދި މިނޫންވެސް އެހެނިހެން ހިދުމަތް ފޯރުކޮށް ދިނުމުގައާއި ލިބިގަތުމުގައި ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާ ވާންޖެހިފައިވާ މި ދަނޑިވަޅުގައި އިންޓަނެޓްގެ ހިދުމަތާއި ޑިޖިޓަލް ޑިވައިސްތަކުގެ މުހިންމުކަން އިތުރުވެފައިވާތީ އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާމާނު ކިޔަވާ ކުދިންނަށާއި ބެލެނިވެރިންނަށް ފަސޭހަކަމާއެކު ބައްލަވައިގަތުމުގެ މަގުސަދުގައި ކަމަށެވެ.

މިއަދު މި ލޯންޗްކުރެވުނު "ބެކް ޓު ސްކޫލް" ގެ ދަށުން ޕާސަނަލް ކޮމްޕއިޓާސްއިން ބައްލަވައިގަންނަ ކޮންމެ ލެޕްޓޮޕަކާއެކު އުރީދޫ މޯލްޑިވްސްގެ މައިފައި ޑިވައިސްއެއް، އަދި 240 ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ހިމެނޭގޮތަށް ލިބިވަޑައިގަންނަވާނެއެވެ. ލެޕްޓޮޕާއެކު ހިލޭ ލިބިވަޑައިގަންނަވާ މައިފައި ޑިވައިސް މެދުވެރިކޮށް ރީޗާޖް ކުރާ ފުރަތަމަ 12 ފަހަރު، ކުރައްވާ ކޮންމެ ރީޗާޖަކަށް 20 ޖީބީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ހަމައެހެންމެ، ޕާސަނަލް ކޮމްޕިއުޓާސް އިން ހަދިޔާ ކުރާ ހިލޭ ލެޕްޓޮޕް ކޭސް އެއްވެސް މި އޮފާގައި ވަނީ ހިމެނިފައެވެ. އެޗްޕީ އަދި ލެނޯވޯ ގެ ފަހުގެ ލެޕްޓޮޕްތައް ހިމެނޭގޮތަށް ބަންޑްލްކޮށްފައިވާ މި އޮފާ މިއަދުން ފެށިގެން ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.

"ޕެންޑެމިކްގެ ސަބަބުން އަޅުގަނޑުމެން އާއްމުކޮށް ކަންކުރާ ގޮތްތަކަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ. އަޅުގަނޑުމެންގެ މަސައްކަތުގެ މާހައުލުގައިވެސް، ދަރިވަރުންގެ ކިޔެވުން އަދި އާންމު ދިރިއުޅުމުގެ ކަންކަންމުގައިވެސް އިންޓަނެޓް ގެ ހިދުމަތް މިވަނީ މުހިންމުވެފައި. އަދުގެ ދުނިޔޭގައި ދަރިވަރުންނަށާއި ޓީޗަރުންނަށްވެސް އިންޓަނެޓް މެދުވެރިކޮށް އެތަކެއް ތައުލީމީ ފުރުސަތުތަކެއް ފަހިވެގެންދޭ. ވުމާއިއެކު، ޕާސަނަލް ކޮމްޕިއުޓަރސް އާއެކު މި ލޯންޗް ކުރި އޮފާ މެދުވެރިކޮށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އޮންލައިންކޮށް ކިޔެވުމުގެ ކަންކަމަށް ބޭނުންވާ ތަކެތި ބައްލަވައިގަތުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ"
ޗީފް ކޮމާޝަލް އޮފިސާ، ހުސެން ނިޔާޒް

އުރީދޫ މޯލްޑިވްސްއިން އަދި ޕާސަނަލް ކޮމްޕިއުޓާސްއިން ހުރިހާ ދަރިވަރުންނަށް އުފާވެރި ޗުއްޓީއަކަށް އަދި ތައުލީމީ އައު އަހަރަކަށް އެދެއެވެ.