ކޮވިޑް ހާލަތު ރަނގަޅުވެ ރާއްޖޭގެ އިގްތިސޯދު ހިނގައިގަންނަ ވަގުތަކަށް އެމްޓީސީސީ އޮތީ ތައްޔާރަށް ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ކޮވިޑް ފެތުރެމުންދާ މި ދަތި އުނދަގޫ ހާލަތުގައި ވެސް އެއްވެސް މަޝްރޫއެއް މަޑުނުޖެހި ކުރިއަށް ގެންދެވުނީ ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 34 ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާލެވިފައިވާ ކަން ހާމަ ކުރައްވަމުން އާޒިމް ވިދާޅުވީ، މީގެ ކުރިން އާއްމުކޮށް އެމްޓީސީސީން ނިންމަމުން ދިޔައީ އަހަރަކު ފަންސަވީސް ނޫނީ ތިރީސް ޕްރޮޖެކްޓް ކަމަށެވެ.

ކޮވިޑްގެ ހާލަތު ރަނގަޅުވެ، ރާއްޖޭގެ އިގްތިސޯދު ހިނގައިގަންނަ ވަގުތަކަށް ކުންފުނި އޮތީ ފުރިހަމައަށް ތައްޔާރު ވެގެން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިހާރު އެ ކުންފުނީގެ މަސައްކަތް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދަމުންދާ ކަން އާޒިމް ފާޙަގަ ކުރެއްވިއެވެ. އެ ގޮތުން އާއްމުކޮށް އެމްޓީސީސީން ކުރަމުންދާ ތިރީހަކަށް ޕްރޮޖެކްޓްގެ ބަދަލުގައި މިހާރު މިވަނީ އެމްޓީސީސީގެ މަސައްކަތްތައް ދެގުނަ ބާރު ކޮށްފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ މަސްވެރިންނަށާއި ސަފާރީ އުޅަނދު ފަހަރަށް ފަސޭހަ ކަމާއެކު ހިދުމަތް ދިނުމުގައި އެމްޓީސީސީ ޑޮކްޔާޑަކީ މުހިއްމު ދައުރެއް އަދާކުރާ ތަނެކެވެ. އެ ހިދުމަތާ ގުޅޭ ގޮތުން އާޒިމް ވިދާޅުވީ، ގިނަ ބޯޓު ދުއްވާ ފަރާތް ތަކަށާއި މަސްވެރިންނަށް ސުޒުކީ އިންޖީނު ވިއްކުމާއި އަދި އޭގެ ސްޕެއާ ޕާޓްސް ރަނގަޅަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެމްޓީސީސީން ކުރަމުން އަންނަ ބޮޑު މަަސައްކަތެއް ކަމަށެެވެ. އަދި މިހާރު ޔަގީން ކުރަން ބޭނުން ވަނީ އެއްވެސް ސްޕެއާ ޕާޓެއް ބޭނުން ވެއްޖެ ހިނދެއްގައި ވީހާވެސް އަަވަހަކަށް ހަމަޖެއްސުމަށްޓަކައި ސްޓޮކްވެސް މިހާރު ހުންނާނީ ރަނގަޅު ކުރެވިފައި ކަމަށް އާޒިމް ވިދާޅުވިއެވެ.