ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އުފައްދަވަން އުޅުއްވާ ޕާޓީ އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދީފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ދާދި ދެންމެއަކި އީސީ އިން ކުރި ޓުވީޓެއްގައެވެ.

"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް އީސީ އިން ހުއްދަ ދީފައިވަނީ ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމަށެވެ. އުޝާމަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްވާ މެންބަރެއް ނޫނެވެ.

އުޝާމާއެކު ޕާޓީ ހެއްދެވުމުގެ މަސައްކަތުގައި އުޅުއްވަނީ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭ4) އެވެ.

އާ ޕާޓީ ހައްދަވަން ކާނަލް ނާޒިމާއި ރިޔާޒު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

މީގެ ކުރިން "ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، މިހާރު ސިޔާސީ ޕާޓީ އުފެއްދުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން 3000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާ އާ ސިޔާސީ ޕާޓީގައި ނާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީޙުގެ 4 މެންބަރުން ތިއްބަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒަކީ ނާޒިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ގާތް ރަހްމަތްރިކަމެއް އެ ދެބޭފުޅުންގެ ދެމެދުގައި އޮތް އިރު މީގެ ކުރިންވެސް ނާޒިމްއާއި އަބްދުﷲ ރިޔާޒް ގުޅިވަޑަިއގެން ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވިއެވެ. ނަމަވެސް އޭރު އެ ވާހަކަތައް އަބްދުﷲ ރިޔާޒް ވަނީ ދޮގު ކުރައްވާފައެވެ. ނާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ 5 މެންބަރުންނާއެކު އެ ޕާޓީ އުފެއްދިއްޖެ ނަމަ އެ ޕާޓީ ވެގެންދާނީ މަޖިލީހުގައި ތިންވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީ އަށެވެ. މަޖިލީހުގައި 65 މެމްބަރުންނާއެކު އެމްޑީޕީ އަކީ ސުޕަ މެޖޯރިޓީ އޮތް ޕާޓީއެވެ. މިހާރު ދެވަނަ އަށް އެންމެ މެންބަރުން ގިނައީ އިދިކޮޅު ޕީޕީއެމެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލުކުރާ މެމްބަރުންގެ އަދަދަކީ މިހާރު ހައެކެވެ. ޕީއެންސީގައި ތިއްބަވަނީ ތިން މެންބަރުންނެވެ. ސިޔާސީ ޕާޓިއެއް އުފައްދަވަން ނާޒިމާއި ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ވެސް ތިނަކަށް ދަށްވާނެއެވެ. ނާޒިމް އިސްވެ ހުންނަވައިގެން އުފައްދާ އެ ޕާޓީ ވެގެންދާނީ ރާއްޖޭގެ 11 ވަނަ ސިޔާސީ ޕާޓީއަށެވެ.