ދީނީ އިލްމުވެރިއެއް ކަމަށްވާ އައްޝައިހް ޖައުފަރު ފާއިޒް ނިޔާވެއްޖެއެވެ.
ޝެއިހް ފާއިޒް ނިޔާވެފައިވަނީ ބަލިވެ އުޅުއްވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަތާ މަހެއްވުމާ ގާތްވިފަހުންނެވެ. ޖައުފަރު ފާއިޒަކީ އައްޑޫސިޓީ މީދުއަށް ނިސްބަތްވާ ބޭފުޅެކެވެ. މީގެ ކުރިން ޝެއިހް ފާއިޒް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ވެސް ވަނީ ފަރުވާ ދީފައެވެ.
ޝެއިހް ފާއިޒް އަވަހާރަވީ އުމުރުން 65 އަހަރުގައެވެ.
1990 ގެ އަހަރުތަކުގައި މަދަރުސަތުލް އާލިޔާގައި ޝެއިހް ފާއިޒް ވަނީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އަދި ޝެއިހް ފާއިޒަކީ އިސްލާމީ ދައުވަތު ފެތުރުމުގައި ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ.
އެގޮތުން ޝެއިހް ފާއިޒް ވަނީ ރާއްޖޭގެ މިސްކިތްތަކުގައި ދީނީ ދަރުސް ދެއްވުމުގެ އިތުރުން ޓީވީ ޕްރޮގްރާމްތައް މެދުވެރިކޮށް އިސްލާމްދީނުގެ މަތިވެރި އުސޫލް ތަކާއި ޝިޔާރުތައް އުނގަންނައިދެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ.