އޯކިޑް މަގުގައި ހުންނަ މ.ކަނީރުވިލާގެ ދެވަނަ ފަންގިފިލާގާ ހުންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރި ލޯން އޮފީސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ) ފަޅާލާ ވައްކަންކޮށްފިއެވެ. .

ފުލުހުން ބުނީ އެސްޑީއެފްސީ އޮފީސް ފަޅާލާ ވައްކަން ކޮށްފައިވާ މައްސަލަ މިއަދު ހެނދުނު 8:56 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެތަން ފަޅާލައި ވަގަށް ނެގީ ކޮން އެއްޗެއްކަމެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން އިތުރު ތަފްސީލެއް އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމެއް އަދި ނުކުރާ ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

އެސްޑީއެފްސީގެ އޮފީސް ހުންނަ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެސްޑީއެފްސީ އަކީ މިސަރުކާރުގެ އެއް ވައުދުކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ގާއިމްކުރެވިފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު އިގްތިސާދީ ދާއިރާތަކަށް އަމާޒުކޮށް ލުއިގޮތަކަށް ލިބޭނޭ ލޯނު ތައާރަފްކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމެވެ.