މިޖުލައި މަހު އީދަށް ބަންދު ވާގޮތަށް ސަރުކާރު ދެން ހުޅުވޭނީ އަންނަ އޮގަސްޓް 1 ގައެވެ.

މި ޖުލައި މަހުގެ 28 ވާ ބުދަ ދުވަހާއި 29 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމާ ގުޅިގެން ބޮޑު އީދަށް ސަރުކާރު ބަންދުވާ ގޮތަށް ދެން ހުޅުވޭނީ އޮގަސްޓް 1 ވާ އާދީއްތަ ދުވަހުއެވެ.

ރައީސް މިގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްހާ އީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދިނުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިއަހަރުގެ ބޮޑު އީދު ދުވަހަކީ މިމަހުގެ 20 ވާ އަންގާރަ ދުވަހެވެ. ހައްޖު ދުވަހަކީ 19 ވާ ހޯމަ ދުވަސް ކަމަށް ވާއިރު، އީދާ ގުޅިގެންނާއި އަދި ޖުލައި 26 އާ ގުޅިގެން ލިބޭ ޗުއްޓީ މިފަހަރު ބޮޑެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ޖުލައި މަހުގެ 18 ވާ އާދިއްތަ ދުވަހާއި 25 ވާ އާދިއްތަ ދުވަހަކީ ސަަރުކާރު ބަންދު ދުވަސް ކަމުގައި ހަމަޖައްސާފައެވެ.