އެމްޑީޕީގެ ގިނަ ބަޔަކު ނުރުހުނަސް ޕީޕީއެމްއާ އިއްތިހާދުވާން ބޭނުންފުޅުވާ ސަބަބުތައް ރައީސް މުހައްމަދު ނަޝީދު ހާމަ ކުރައްވައިފިއެވެ.

ރައީސް ނަޝީދު އެކަން ހާމަ ކުރައްވާ ވިދާޅުވީ، އެމްޑީޕީ، އާ އިއްތިހާދަކަށް ބޭނުންވަނީ، އިންޑިއާ އައުޓް ގޮވުން ހުއްޓުވުމަށާއި، މަޖިލީހުގައި މިހާރު އޮތް ނަފްތަރުގެ ބިލަށް ދާއީދު ކުރުމަށާއި، ރާއްޖޭގައި މިއުޒިކު ހަރާމް ނުކޮށް އަދި ރަސޫލާއާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމަށް ކަމަށެވެ.

"އަޅުގަނޑުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުން، އަޅުގަނދު ދެކޭ ގޮތުގައި އެމްޑީޕީއަށް އާ އިއްތިހާދެއް ބޭނުން، އެއީ އިންޑިއާ އައުޓް ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީސު ކުރާ، މިއުޒިކު ހަރާމް ނުކުރާ، ކީރިތި ރަސޫލާއަށާއި، އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް"
މުހައްމަދު ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމްގެ ގިނަ މެންބަރުން ތިބޭނީ އެގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރާއްޖެ، އަފްގާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ޕީޕީއެމްއާ އިއްތިހާދުވާ ވާހަކަ ދައްކަވާ އިރު، އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ގެންދަނީ އެކަމަށް ފާޅުގައި ދެކޮޅު ހަދަމުންނެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ބައެއް ކައުންސިލަރުންވެސް ހިމެނެއެވެ. ހަމަ އެހެންމެ، ނަޝީދު އެހެން ވިދާޅުވެފައި ވާއިރު، ނަޝީދުއާ އެކު ކޯލިޝަނެއް ނަހަދާނެ ކަމަށާއި އަދި އެކަމަށް މަޝްވަރާވެސް ނުކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ނަޝީދު ޕީޕީއެމް އާ އިއްތިހާދުވާން ވާހަކަ ވިދާޅުވި އިރު ޖުލައި 05، 2021 ވަނަ ދުވަހުގެ ރޭ ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމުގައިވެސް ނަޝީދު ވަނީ ރައީސް ޔާމީނާއި ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާނެ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

ނަޝީދު އެރޭ ވިދާޅުވީ، 2023 ގެ އިންތިހާބަށް ދިއުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ރައީސް ޔާމީނާއި ޕީޕީއެމްއިން ވެސް ދެކޮޅު ހަދާނެކަމަށް ގަބޫ ނުކުރައްވާ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެނެސް މަޖިލީސް ތެރެއިން ބޮޑުވަޒީރު ކަނޑައެޅިގެން ދާނެ ކަމަށާއި އެކަމުގައި ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދުވެސް އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މި މައްސަލައިގައި ޕީޕީއެމުން ބުނެފައި ވަނީ، ނިޒާމެއް ބަދަލު ކުރަންވެސް އަދި އެނޫންކަމެއްގައިވެސް ރައީސް މުހައްމަދު ނަޝީދާވެސް އަދި އެމްޑީޕީއާވެސް ވާހަކަ ނުދައްކާ ކަމަށެވެ. ނަމަވެސް ފަހުން ޖުލައި 06، 2021 ގައި ޕީޕީއެމުން ބުނެފައި ވަނީ ނިޒާމު ބަދަލު ކުރަން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު މަޝްވަރާއަށް ދާން ތައްޔާރަށް ތިބި ކަމަށެވެ.