ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭއި މަހު ދިން ހަމަލާއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމާ ގުޅިގެން، ނެޝަލަން ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ އެމަނިކުފާނު ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފިއެވެ.

ރައީސް އޮފީހުން ބުނީ އެބައްދަލުވުން ބާއްވާފައިވަނީ އިއްޔެ ހަވީރު ރައީސް އޮފީހުގައި ކަމަށެވެ.

އެ ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފަ ވަނީ އެރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިތުރަށް ދިރާސާކޮށް އެ ކަންކަން އިސްލާހުކުރުމުގައި އަމަލުކުރާނީ ކިހިނެތްތޯ އާ، އެ ރިޕޯޓުގައިވާ ރިކޮމެނެޑޭޝަންތައް ތަންފީޒުކުރުމާ ގުޅޭގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

241 ކޮމިޓީގެ މުޣައްރިރު މެންބަރު އަސްލަމް ރައީސް ސޯލިހްއަށް އިންކުއަރީ ރިޕޯޓް އަރުއްވަނީ/ ފޮޓޯ: ރައީސް އޮފީސް

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް 8 މީހެއްގެ މައްޗަށް ތުހުމަތު ކޮށް ތަހުގީގު ކުރަމުން ގެންދެއެވެ. އަދި ވަރަށް އަވަހަށް ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. އެއީ ވ. ތިނަދޫ ލަކީ، 25 އަހަރުގެ އަދުހަމް އަހްމަދު އާއި، މއ. ފޭރުގެ 21 އަހަރުގެ މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ ފޮޅޭމާ 32 އަހަރުގެ ތަހުމީން އަހްމަދުގެ އިތުރުން ލ. ގަން ދުންފިނިއުފާ 23 އަހަރުގެ އަހްމަދު ފާތިހް އަދި ނ. މަނަދޫ، ނޫރީގެ، 27 އަހަރުގެ އަލީ ހައިޝަމް އެވެ.

ހަމަލާގެ އިސް މީހަކީ މިހަމަލާ ދިނުމަށް ބޭނުން ކުރި އައިއީޑީ ގޮއްވާލި އަދުހަމް ކަމަށް ފުލުހުން ބުނެއެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައި ވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ގައެވެ.