ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފިއެވެ.

ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު 2:00 އަށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ހަމަޖެހިފައިވަނީ ބަޔާން ނަގާ ސޮއިކުރުމަށް ކަމަށެވެ.

ފުލުހުންގެ އަމަލުތަކުން ރައީސް ޔާމީންގެ ގާނޫނީ ހައްގުތަކަށް ގެއްލުންވާ ކަމަށާއި ތަހްގީގުގެ އިންސާފުވެރިކަމަށް ހުރަސްއެޅޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް ރައީސް ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރައްވާފައެވެ. އެދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކުރެއްވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި ތަހުގީގުގެ ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މިދިޔަ އެޕްރީލް މަހު 29 ވަނަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލު ކުރައްވާފައިވާއިރު ރައީސް ޔާމީން ވަގުތީ ގޮތުން ގެޔަށް ބަދަލުކޮށްފައި ވަނީ ކ. މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އާއި ގިނަ އަދަދެއްގެ ޖަލު އޮފިސަރުން ޕޮޒިޓިވް ވަމުން ދާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.

ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.