ގިނަ ބައެއްގެ އަތުން އެތަށް މިލިއަން ރުފިޔާ ވަގަށް ނަގާ ފިލައިގެން އުޅުނު ވ. ތިނަދޫ، ރެޑްހައުސް، މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފިއެވެ.
މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ބަންދުކޮށްފައި ހުއްޓާ އައްމަޓީ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. އައްމަޓީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހޭތީ، އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) ވަނީ ހަމަ އެދުވަހު ނިންމާފައެވެ.
އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު އެ މައްސަލައިގައި ހުކުމް ކޮށްފައިވާއިރު އެމައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރާ ކަމަށެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ބެންޗްގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސައިން ޝަހީދުއެވެ. ދެން ބެންޗްގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ފާތިމަތް ފަރުހީޒާ އަދި އިސްފަނޑިޔާރު ހާތިފް ހިލްމީއެވެ.
އައްމަޓީގެ މައްޗަށް ދައުވާ ކުރަނީ އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފާ މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާތީއެވެ. އައްމަޓީއަކީ އޭރު ސީލައިފްގެ އެމްޑީއެވެ.
އެތައް ބައެއްގެ ފައިސާ ވަގަށް ނަގައި ފިލައިގެން އުޅެނިކޮށް އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އައްމަޓީ ލަންކާއިން ހައްޔަރުކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
އައްމަޓީ ހައްޔަރުކޮށް ހިންގި ޝަރީއަތުގައި އޭނާ ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް އަދި މުޖުތަމައަށް ނުރައްކާވާނެ ކަމުގެ ފުރުސަތު އޮތް ކަމަށާއި އޭނާ ޝަރީއަތަށް ފިލައިފާނެ ކަމުގެ ބިރު އޮތުމުން ދައުލަތުގެ ވަކީލުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ޝަރިއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ.
އެކަމާ ގުޅިގެން އައްމަޓީގެ ވަކީލު މުހުތާޒު މުހުސިން ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވާ މައްސަލާގައި ހުށަހަޅާފައި ވަނީ ކިތާބީ ހެކިތަކެއް ކަމަށާއި އެ މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވާނެ ފުރުސަތު ނެތް ކަމަށެވެ. އޭގެ އިތުރުން ފިލައިފާނެ ކަމަށް ކުރާ ތުހުމަތު ގޯސް ކަމަށް ވަކީލު ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ނުގެން ދިއުމަށް ނިންމާފައެވެ. އަދި ޝަރުތުތަކަކާ އެކު އައްމަޓީ ދޫކޮށްލައި މާލެއިން ބޭރަށް އަދި ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް ޝަރުތު ކޮށްފައެވެ.
އައްމަޓީގެ މައްޗަށް ހިޔާނާތްތެރި ވުމުގެ ކުށުގެ 42 ދައުވާއެއް އުފުލާ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވީ މެއި މަހު 30 ގައެވެ.