މޭ 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ބެހޭ ގޮތުންް، މަޖިލީހުގެ 241 ކޮމެޓީން ތައްޔާރުކުރި ރިޕޯޓަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީން ތައްޔާރު ކުރި ރިޕޯޓް އެމަނިކުފާނަށް އެރުވުމަށް، އޮންލައިންކޮށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނަޝީދު ވަނީ ކުޑަކޮށް ވެސް ފަހަތަށް ނުޖެހި މައްސަލަ އަވަހަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އުއްތަމަ ފަނޑިޔާރުވެސް އެ ރިޕޯޓް ބައްލަވާ ރިޕޯޓާ ގުޅިގެން އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅުއްވާނެކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އިންކުއަރީ ރިޕޯޓް އެރުވުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ / ފޮޓޯ: މަޖިލިސް

ނަޝީދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ހިނގަމުންދާ ކަންކަމުގެ ތެރޭގައި ކަންބޮޑުވާންވީ ގިނަ ކަންތައްތަކެއް އިންކުއަރީ ރިޕޯޓުން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން އެކަންތައްތައް އަވަހަށް ރަނގަޅު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

241 ކޮމިޓީން އެކުލަވާލި ރިޕޯޓް ރައީސް ސޯލިހަށް މިއަދު އަރުވާފައިވާއިރު އެރިޕޯޓް އެމަނިކުފާނަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބައްލަވާ އެކަންކަމުގައި އިސްލާހު ކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

241 ކޮމިޓީގެ މުޣައްރިރު މެންބަރު އަސްލަމް ރައީސް ސޯލިހްއަށް އިންކުއަރީ ރިޕޯޓް އަރުއްވަނީ/ ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު ވިދާޅުވީ މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި ގައުމީ ސަލާމަތާއި ގުޅުންހުރި މުހިންމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.