ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ އެކަންކަމުގައި އިސްލާހުކުރަން ހުރި ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި ރިޕޯޓް އެމަނިކުފާނަށް އެރުވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ރިޕޯޓް ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށައަޅުއްވައި ގައުމީ ސަލާމަތާއި ގުޅުންހުރި މުހިންމު ކަންކަން ވީހާވެސް އަވަހަށް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ވަރަށް ބުރަ އަދި މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ މެންބަރުން މި ރިޕޯޓު އެކުލަވައިލެއްވުމުގައި ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެ ކޮމިޓީގެ އެންމެހާ މެންބަރުންނަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިންކުއަރީ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަރުވައިފި.ފޮޓޯ:ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީގެ ފަރާތުން ވަނީ މި ރިޕޯޓު އެކުލަވާލުމުގައި ސަރުކާރުގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށްޓަކައި ޝުކުރުދަންނަވާފައެވެ. އަދި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމުގައި ވިދާޅުވިއެވެ. އަދި މި ރިޕޯޓަކީ އިންކުއަރީއެއް ކަމަށާއި ތަހުގީގީ ސިފަތައް ނުހިމެނޭނޭހެން މި އިންކުއަރީ ކުރިޔަށްގެންދިއުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާފައިވާކަމަށް މުގައްރިރުގެ އަސްލަމް ވާހަކަގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޒު އަލީ ޒާހިރު، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޒާ ފާތިމަތު ނިޔުޝާ އަދި ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރު، ލީގަލް އެފެއާޒް، އަހްމަދު ނާޒިމް މުހައްމަދު ވަނީ ބައިވެރިވެވަޑައިގަންނެވިއެވެ.