ބަންގްލަދޭޝްގެ ރުޕްގަންޖްގެ ބުލްތާގައި ހުރި ފުޑް އެންޑް ބެވަރެޖް ފެކްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އޭކޭ. އަބްދުލް މޮމެން އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޝާހިދުގެ މެސެޖްގައި އަލިފާނުގެ ހާދިސާގައި ފަންސާހަށްވުރެ ގިނަ މީހުން މަރުވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ.

އަދި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާ ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރައްދުކޮށްދެއްވުމަށް ޝާހިދު އެދިވަޑައި ގެންނެނެވިއެވެ.

ވެރިރަށް ޑާކާގެ 25 ކިލޯމީޓަރު އިރުން އޮންނަ ރޫޕްގަންޖުގައި ހިންގާ ކާރުހާނާގައި އަލިފާނުގެ ހުޅުގަނޑު ފަޅައިގެން ދިޔައީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.

ބަންގްލަދޭޝްގައި ކާބޯތަކެތި އުފައްދާ ކާރުހާނާއެއްގައި ޖުލައި 8، 2021 ވަނަ ދުވަހު ރޯވި އަލިފާންގަނޑު / ފޮޓޯ: އަލްޖަޒީރާ

މި ހާދިސާގައި 30 މީހަކު ޒަހަމްވެފައި ވާއިރު، އެމީހުންނަކީ އިމާރާތުގެ އުސް ހިސާބުތަކުން ފުންމާލި މީހުން ކަމަށް ހަބަރު ލިބެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އިމާރާތުގެ ތެރޭގައި ތިބީ ކަނޑައެޅިގެން ކިހާ ބައެއްކަމެއް އަދިވެސް ކަށަވަރެއް ނުވެއެވެ. ނަމަވެސް ކާރުހާނާގެ ބޭރުގައި ތިބި އާއިލާ މެންބަރުންނާއި އެހެން މުވައްޒަފުންގެ ވާހަކަތަކަށް ބަލާއިރު، ފުރާނަ ސަލާމަތް ނުވި އިތުރު ބަޔަކު ވާނެ ކަމަށް ގަބޫލު ކުރެވެއެވެ.