މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހިންގާފައިވާ އިންކުއަރީގެ ރިޕޯޓް ރަސްމީކޮށް އަދި ރައީސްއަށް އަދި ހިއްސާކޮށްފައެއް ނުވި ނަމަވެސް، މަޖިލީހުން އާންމުކޮށްފައިވާ ރިޕޯޓް ކަމާ ގުޅޭ އިދާރާތަކުން މިހާރު ދިރާސާ ކުރަމުންދާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ ރިޕޯޓު ފާސްކޮށްފައިވަނީ ހުކުރު ދުވަހު ފަތިސް ވެފައި ވަނިކޮށް ކަމުން މަޖިލިސް ރިޕޯޓު ރައީސް އަށް ހުށަހެޅުން ލަސްވެފައި ވަނީ ކަމަކަށް ނުދެކޭ ކަމަށެވެ.

241 ކޮމެޓީގެ އިންކުއަރީ ރިޕޯޓު ފާސްކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.

ބުރާސްފަތި ދުވަހު ހަވީރު ނެރުނު މެއި 6 ގެ އިންކުއަރީ ރިޕޯޓުގައި ބަޔަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ވިދާޅުވެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ޑިފެންސް މިނިސްޓަރު މާރިޔާއާ ހިއްސާ ކުރެއްވި މައުލޫމާތު، މާރިޔާ އެމްއެންޑީއެފްގެ އެއްވެސް ފަރާތަކާ ހިއްސާ ނުކުރައްވާ ކަމަށް ރިޕޯޓުގައި ބުނެފައި ވެއެވެ. ހަމަ އެފަދައިން ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެސްޕީޖީ ގެ ކޮމާންޑަރާއި ޑިފެންސް އިންޓެލިޖަންސް ސާވިސްގެ ފަރާތުން އިންކުއަރީގައި ބުނެފައި ވަނީ އެއިން އެއްވެސް ފަރާތަކާ މިނިސްޓަރު އެ ވާހަކަ ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.

241 ކޮމިޓީއަށް ސިފައިންގެ އިސް އޮފިސަރެއް ޖަވާބު ދެއްވަނީ/ ފޮޓޯ: މަޖިލިސް

ބައެއް މެންބަރުން ވަނީ މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރިޕޯޓާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކަމާއެކު އެޅުމަށް ގޮވާލެއްވިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސެކިއުރިޓީ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހުގެ ރޭ 8:27 ގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ސެކިއުރިޓީ ބްރީޗްވި ގޮތް ދެނެގަތުމަށް ހެދި އިންކުއަރީ ރިޕޯޓްގައި ބުނެފައި ވަނީ އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާ، ހަމަލާ ދިނުމުގެ ބޭނުމާއި ހަރަދުކުރި މީހުން 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓް ނެރުމާއި ހަމައަށްވެސް ފުލުހުންނަށް ދެނެގަނެވިފައިނުވާ ކަމަށެވެ.

ދެ މަސް ދުވަހުގެ ތަހުގީގަކަށް ފަހު އެހިސާބަށް ދެވިފައި ނެތުމަކީ ކަންބޮޑުވުމެއް ކަމެއް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ފާޑު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަންތައްތައް ހިނގައިދިޔަ ގޮތް ބަލަން މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ވަކި ވަކި ސިފައިންނާއި ފުލުހުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް 49 ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އަދި 80 އަށް ވުރެ ގިނަ ލިޔުންތަކާއެކު 5550 އަށް ވުރެ ގިނަ ސަފްހާތައް ދިރާސާކޮށްފައި ވެއެވެ.

271 ސަފްހާގެ އެ ރިޕޯޓްގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފާއި އިންޓެލިޖެންސްގެ މަސައްކަތްތައް ހަރުދަނާކުރަން ހިމެނޭގޮތަށް 45 ކަމެއް ކުރުމަށް ލަފާދީފައި ވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ހަށިފާރަވެރިން އަބަދުވެސް ހަތިޔާރާއެކު ފޯރިމަރަން އެމްއެންޑީއެފްއަށް އަންގަން ވެސް ލަފާދީފައި ވެއެވެ.