ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެ ތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން ދެ މީހުން މިއަދު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިހާރު ބަންދުގައި ހުރީ ބޮން އޮތް ކަމަށް ބުނި މީހާ ކަމަށެވެ. އަދި ދެން ހައްޔަރު ކުރެވުނު މީހާ މިހާރު ވަނީ ދޫކޮށްލާފައި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މުލިއާގެ ކައިރިއަށް މިއަދު ބަޔަކު ގޮސް އެތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިން ހިސާބުން ފެށިގެން އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

މައުލޫމާތު ލިބުނު ގޮތުގައި މުލިއާގެ ކައިރިއަށް މިއަދު ދެމީހަކު ފޮށިގަނޑަކާއި ދަބަހަކާއި ރަތް ކޮތަޅެއް ހިފައިގެން ގޮސް އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދީ އަޑުގަދަކުރަން ފެށުމުން، މުލިއާގެ ސެކިއުރިޓީން ވަނީ އެދެމީހުން ހިފަހައްޓާފައެވެ.

އަދި އެ 2 މިހީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު އެމީހުން ފުރަތަމަ އުޅުނީ ފޮށިގަނޑު ބަހައްޓާފައި ދުވެފިލަން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސިފައިން އެމީހުން ހިފަހައްޓާ ސުވާލުކުރުމުން އެ ފޮށިގަނޑުގައި ބޮމެއް އޮންނާނެ ކަމަށާ، ގޮއްވާލާނެ ކަމަށް ބުނީ ކަމަށް ވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ އެލާޓް ލެވެލް ވަނީ މަތިކޮށްފައެވެ. އަދި ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް ވާހަކަދައްކާ މީހުން ދަނީ ހައްޔަރު ކުރަމުންނެވެ.

މުލިއާގެ ސަރަހައްދުގާ ސެކިއުރިޓީވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ